ނ. އަތޮޅުގައި ހިންގާ ރޮބިންސަން ރިސޯޓުން ފުރައިގެން ދަތުރުކުރަމުންދިޔަ ލޯންޗެއް ބަންޑުން ޖަހާލައިފިއެވެ.
ފުލުހުން ބުނީ ރޮބިންސަން ރިސޯޓުން ފުރައިގެން ދަތުރުކުރަމުންދިޔަ ލޯންޗު މިއަދު ހެނދުނު ބަންޑުން ޖަހާލާފައިވަނީ ނ. ފޮއްދޫއާއި ރ. އުނގޫފާރާ ދޭތެރެއަށް ކަމަށެވެ.
އެ ލޯންޗުން ދަތުރުކުރަމުންދިޔައީ ތިން މީހުން ކަމަށާއި ލޯންޗު ކަފު ޖަހައިގެން ނ. ފޮއްދުއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
ލޯންޗުން ދަތުރުކުރަމުންދިޔަ ތިން މީހުން ސަލާމަތްކޮށްފައިވަނީ އެ ސަރަހައްދުން ދިޔަ އެހެން ލޯންޗަކުންނެވެ. އެ ތިން މީހުންގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެއެވެ.