ޚަބަރު

މުދަލު ޒަކާތް ބެހުން: އަތޮޅުތެރޭގެ ފަގީރުންގެ ލިސްޓު މި ހަފްތާތެރޭ ކައުންސިލްތަކަށް ފޮނުވާނެ

ފަތޯނާ ފާއިޒު

އަތޮޅުތެރޭގެ ފަގީރުންނާ މިސްކީނުންގެ ފައިނަލް ލިސްޓު މިހަފްތާ ތެރޭގައި ކައުންސިލުތަކަށް ފޮނުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ އަތޮޅުތެރޭގައި ފަގީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީވާން ހުޅުވާލި ފުރުސަތުގައި، ފަގީރުންގެ ދަފްތަރުގައި ޖެހެން ބޭނުންވާ ފަރާތްތައް ނަން ހުށަހެޅި ކަމަށާއި އެ ލިސްޓަށް ޝަކުވާ ހުށަހަޅަމުންދާ ކަަމަށެވެ. އަދި ޝަކުވާތަކަށް ރިއާޔަތް ކުރުމަށްފަހު ފައިނަލް ލިސްޓު އެކުލަވާލައި ކައުންސިލްތަކަށް ފޮނުވުމުން، ޒަކާތް ބެހުމުގެ މަސައްކަތް ފަށާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ކޮންމެ ރަށެއްގައި ވެސް ޒަކާތް ބެހުމުގެ ކަންކަން ކުރިއަށް ގެންދާނީ، އެރަށެއްގެ ކައުންސިލުންނެވެ. އެގޮތުން މިނިސްޓްރީން ފޮނުވާ މުދަލު ޒަކާތުގެ ފައިސާ ކައުންސިލްތަކުގެ އެކައުންޓަށް ޖަމާވުމުން، އެރަށެއްގައި މުދަލު ޒަކާތް ބަހާނެ ދުވަހެއް ކަނޑައަޅައި، އެކަމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާނީ އެރަށެއްގެ ކައުންސިލުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މިއަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި ބަހަނީ 2018 ވަނަ އަހަރުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއެވެ. އެގޮތުން މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 67،060،267.73 (ފަސްދޮޅަސްހަތް މިލިއަން ހަލައްކަ ދުއިސައްތަ ފަސްދޮޅަސް ހަތްރުފިޔާ ހަތްދިހަ ތިންލާރި) ވަނީ ލިބިފައެވެ.

އެހެންކަމުން ފަގީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ ބޮލަކަށް މުދަލު ޒަކާތުގެ ގޮތުގައި 2،000 ރުފިޔާ ބަހަން އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފައެވެ.

މިދިޔަ އަހަރު މުދަލަ ޒަކާތުގެ ގޮތުގައި 67 މިލިއަން ރުފިޔާ ލިބުނު ނަމަވެސް އެއީ 2017 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދަށްވުރެ ކުޑަ އަދަދެކެވެ. އެ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 68.8 މިލިއަން ރުފިޔާވަނީ ލިބިފައެވެ.