ތިން ރަށެއްގެ ބަނދަރު ހެދުމުގެ މަޝްރޫއުގައި މިއަދު ސޮއިކޮށްފިއެވެ.
މިއަދު ސޮއިކޮށްފައިވަނީ ލ.މާވަށު ބަނދަރާއި ނ. މިލަދޫ ބަނދަރުގެ އިތުރުން ގއ. މާމެންދޫ ބަނދަރު ހެދުމުގެ މަޝްރޫއުގައެވެ. މި ތިން މަޝްރޫއުގެ ތެރެއިން މާވަށު އަދި މިލަދޫ ބަނދަރު ހެދުމަށް ހަވާލުކުރީ އެމްޓީސީސީއާއެވެ. މޭމެންދޫ ބަނދަރުގެ މަޝްރޫއު ހަވާލުކުރީ ސާސް އީ ކޮންސްޓްރަކްޝަންއާއެވެ.
މާމެންދޫ ބަނދަރުގެ މަސައްކަތް ސާސް އީ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ 31.1 މިލިއަން ރުފިޔާއަށް، 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
- 75 މީޓަރުގެ ނެރުފައިކަށި
- 600 މީޓަރުގެ ރިވެޓްމަންޓް
- ދެ ނެރުބައްތި
- 13 މޫރިންގް ބްލޮކްސް
- 1992 އަކަމީޓަރުގެ ޕޭވްމަންޓް
- 32 ބައްތި ހަރުކުރުން
- ކުދި އުޅަނދު ފަހަރު ކައިރިކުރުމަށް ހަ އެސްސެސް ޖެޓީ
- 12،695 ކިއުބް މީޓަރަށް ބަނދަރު ފުންކުރުން
- 30،240 މީޓަރަށް ނެރު ފުންކުރުން
މިލަދޫ ބަނދަރުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 42.1 މިލިއަން ރުފިޔާއަށް 330 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
- 248 މީޓަރުގެ ބޮޑުހިލަ ބޭރުތޮށި ހެދުން
- 286 މީޓަރުގެ އެއްގަމު ތޮށި ހެދުން
- ދެ ނެރުބައްތި ޖެހުން
- 14 ބަނދަރު ބައްތި ޖެހުން
- އެއް ރޭމްޕް ހެދުން
- 1430 ސްކެއާ މީޓަރުގެ ޕޭވްމެންޓް ހެދުން
- 10 މޫރިންގް ބްލޮކް ހެދުން
- 20 މީޓަރު ގުރޯއިން ހެދުން
- 137 މީޓަރުގެ ރިވެޓްމަންޓް ޖެހުން
- 36،215 ކިއުބް މީޓަރަށް ބަނދަރު ފުންކުރުން
- 1000 މީޓަރަށް ނެރު ފުންކުރުން
އެމްޓީސީސީއާ މިއަދު ހަވާލުކުރި މާވަށު ބަނދަރުގެ މަޝްރޫއަކީ ވެސް 330 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި މަސައްކަތެކެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން މި ބަނދަރު ހެދުމަށް އެ ކުންފުންޏާ ހަވާލުކުރީ 27.3 މިލިއަން ރުފިޔާއަށެވެ.
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
- 248 މީޓަރުގެ ބޮޑުހިލަ ބޭރުތޮށި ހެދުން
- 110 މީޓަރުގެ އެއްގަމު ތޮށި ހެދުން
- ދެ ނެރުބައްތި ޖެހުން
- އެއް ރޭމްޕް ހެދުން
- 550 މީޓަރުގެ ޕޭވްމެންޓް ހެދުން
- 10 މޫރިންގް ބްލޮކް ހެދުން
- 40 މީޓަރުގެ ރިވެޓްމަންޓް ޖެހުން
- 15،300 ކިއުބް މީޓަރަށް ބަނދަރު ފުންކުރުން
- 11،585 މީޓަރަށް ނެރު ފުންކުރުން