ޚަބަރު

މަގުމަތީގެ ސަލާމަތާ ބެހޭގޮތުން އެމްޓީސީސީގެ ޑުރައިވަރުންނަށް މައުލުމާތު ދިނުމުގެ ދެވަނަ ޕްރޮގުރާމް ފަށައިފި

އާނިފާ ހުސެއިން ސިރާޖް

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިްނގް ކޮމްޕެނީ (އެމްޓިސީސީ) ގައި މަސައްކަތް ކުރާ ޑްރައިވަރުންނަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކޮށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ދެވަނަ ޕްރޮގުރާމް ފަށައިފިއެވެ.

މިއީ އެމްޓީސީސީގެ އިސްނެގުމުގެ މަތިން އެކުންފުންޏާއި ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓް ގުޅިގެން ކުރިއަށްގެންދާ ޕްރޮގުރާމެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ އިއްޔެ އިން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕްރޮގުރާމުގައި އެއްގަމު ދަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުންނާއި މަގުމަތީގެ އަދަބުތަކާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ވަނީ ހަމަޖައްސާފަ ކަމުގައެވެ.

އަދި އެކްސިޑެންޓްތައް ހިނގަން މެދުވެރިވާ ސަބަބުތަކާއި އެކްސިޑެންޓްތައް މަދުކުރުމަށް ކުރެވިދާނެ ކަންކަމާއި ރައްކާތެރިކަމާއެކު މަގުމަތި ބޭނުންކުރުމުގެ ސަމާލުމަކަން ދޭންވީ ކަންކަމާ ގުޅޭގޮތުންވެސް މައުލޫމާތު ދެއްވާނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ޕްރޮގުރާމުގައި އެމްޓީސީސީގެ އޮޕަރޭޝަނުގައި މަސައްކަތް ކުރާ 63 ޑްރައިވަރުން ބައިވެރިވާއިރު، މައުލޫމާތުދެއްވަނީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ފޯޑް ސޭފްޓީ ޔުނިޓްގައި މަސައްކަތް ކުރާ ފުލުހުންނެވެ.

މިފަދަ ޕްރޮގުރާމެއް ފުލުހުން ހިންގަން ފަށާފައިވާއިރު، މިދިޔަ ހަފްތާގެ ތެރޭގައި މާލޭގައި ވަނީ ޖުމްލަ 59 އެކްސިޑެންޓް ހިނގައި 18 މީހުންނަށް އަނިޔާވެފައި ކަމަށް ފުލުހުން އާންމުކޮށްފައިވާ މިދިޔަ ހަފްތާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެމްޓިސީސީ ގައި މަސައްކަތް ކުރާ ޑްރައިވަރުންނަށް އަމާޒުކޮށް މިފަދަ މައުލޫމާތު ދިނުމުގެ ފުރަތަމަ ޕްރޮގުރާމު ކުރިއަށް ގެންގޮސްފައިވަނީ މިއަހަރުގެ ކުރީކޮޅުއެވެ.