ބައިނަލްއަގްވާނީ ފަތުރުވެރިންގެ ދުވަސް ފާހަގަ ކުރުމަށް ރާއްޖޭގައި ކުރިއަށްގެންދާ ހުރިހާ ހަރަކާތެއްގައި މިފަހަރު ބޭނުންކުރާނީ ދިވެހި ފަންނާނުން އެކަނި ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަލީ ވަހީދު މިހެން ވިދާޅުވީ މިއަދު ޓުއަރިޒަމް މިނިސްޓްރީ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ބައިނަލްއަގްވާމީ ފަތުރުވެރިންގެ ދުވަސް ފާހަގަ ކުރުމަށް ރާއްޖޭގައި ކުރިއަށްގެންދާ އެކި ހަރަކާތްތަކުގެ މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިއަހަރު ފަތުރުވެރިކަމުގެ ދުވަހުގެ ހުރިހާ ކަމެއްގައި ބޭނުން ކުރާނީ ދިވެހި ފަންނާނުން ކަމަށެވެ.
''މުޅި ޓުއަރިޒަމް ދުވަހުގެ ހުރިހާ ހަރަކާތެއް އަޅުގަނޑުމެން ނިންމާފަ މިއޮތީ ދިވެހި ފަންނާނުން ބޭނުންކުރަން. މިފަހަރު ޓުއަރިޒަމް ދުވަހުގެ އެއްވެސް ހަރަކާތެއްގައި އަޅުގަނޑުމެން ބޭރުގެ ފަންނާނުން ބައިވެރިއެއް ނުކުރަން.''
މީގެ އިތުރުން މި ނިންމުމަކީ ދިވެހި ފަންނާނުންނަށް ސަރުކާރުން އިތުރު ފުރުސަތުތައް ހޯދައި ދިނުމަށް ނިންމު ނިންމުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިހާރު ސަރުކާރުން މަސައްކަތް ކުރަނީ ދިވެހި ފަންނާނުންނަށް ދިމާވެފައިވާ އެކި ކަންކަން އަހަރެއް ތެރޭ ހައްލު ކުރުމަށް ކަމަށާއި، ސަރުކާރުން ތިބީ ފަންނާނުންނާއެކު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ބޭނުމީ ދިވެހި ފަންނާނުންގެ ޓެލެންޓް ފަރުތުވެރިކަމުގެ ސިނާއަތުގެ ތެރެއަށް ގެނައުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ބޭރުގެ ފަންނާނުން ރާއްޖެއަށް ގެންނާނީ ދިވެހި ފަންނާނުންގެ ކަންކަން ހައްލު ކުރުމަށް ފަހު ކަމަށް ވިދާޅުވެފައެވެ. އަދި ބޭރުގެ ފަންނާނުން ގެންނާނީ ރާއްޖޭގައި ކޮންސެޓް ބޭއްވޭނެ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭގައި ބާއްވާ ހަރަކާތްތައް މާދަމާ ވ އަތޮޅުގައި ފަށާނެއެވެ. އެގޮތުން ފުރަތަމަ ހަރަކާތަކަށް ''ޖަޒީރާ ކެނޯ ރޭސް'' މާދަމާ ފަށާނެއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވ އަތޮޅަށް ވަޑައިގަންނަވާނެ އެވެ.