ޚަބަރު

މިލިޔަން ޑޮލަރުގެ މައްސަލައިގައި ތެދު ނިޔަތް އަޅުގަނޑު ދައްކައި ދީފިން: ރައީސް ޔާމީން

އިބްރާހިމް ޒަކީ

ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިޔަން ޑޮލަރު ޖަމާކޮށް، ހިނގާދިޔަ ކަންތައްތަކާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ދައުލަތުން ކުރާ މަނީލޯންޑަރިންގެ ދައުވާގައި، އެމަނިކުފާނުގެ އެކައުންޓުގައިހުރި އެއް މިލިޔަން ޑޮލަރުގެ ކަންކަމުގައި ތެދުނިޔަތް ދައްކަވައިދެއްވާފައިވާނެ ކަމަށް، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިޔަން ޑޮލަރު ޖަމާކޮށް، ހިނގާދިޔަ ކަންތައްތަކާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ދައުލަތުން ކުރާ މަނީލޯންޑަރިންގެ ދައުވާގައި، އެމަނިކުފާނުގެ އެކައުންޓުގައިހުރި އެއް މިލިޔަން ޑޮލަރުގެ ކަންކަމުގައި ތެދުނިޔަތް ދައްކަވައިދެއްވާފައިވާނެ ކަމަށް، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ޝަރީއަރުގެ މަޖިލީހުގަިއ ދިފާއުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މަނީ ލޯންޑްރިންގެ ދެ އެލެމެންޓެއް އޮންނަ ކަމަށާއި، އޭގެ ތެރެއިން އެއް ކަމަކީ، ގާނޫނާހިލާފަށް ލިބޭ ފައިސާ ފޮރުވަން، ރައްކާކުރަން، ނުވަތަ އަސްލު އޮޅުވާލަން، ލޯންޑާ ކުރުން ކަމަށެވެ.

އަދި އެމަނިކުފާނުގެ އެކައުންޓަށް އެމްއެމްޕިއާރުސީން ޖަމާކުރި ފައިސާއެއްް ނޯންނާނެ ކަމަށާއި، އެސްއޯއެފުން ދެ ފަހަރެއްގެމަތިން އެއް މިލިޔަން ޑޮލަރު އެމަނިކުފާނުގެ އެކަނއުންޓަށް ޖަމާކޮށްފައިވާއިރު، އެފައިސާ އެހެން މީހެއްގެ އެކައުންޓަށް ޖަމާކޮށް، ނުވަތަ މީހަކަށް ޗެކެއްދީ ހަދާފައި ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ހަމަ އެކަނި ކުރެއްވި ކަމަކީ އެފައިސާ އެ ބޭންކުގެ އެެހެން އެކައުންޓަކަށް ބަދަލުކުރެއްވީ ކަމަށާއި، އެކަމަކީ ކުށެއްކަން ދައުލަތުން ހުށަހެޅި ހެކިތަކުން ސާބިތުކޮށްދެވިފައި ނުވާކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމްއެމްޕިއާރުސީ އާއި އެސްއޮއެފްގެ މުއާމަލާތްތަކަށް ބަލާއިރު އެ މުއާމަލާތްތަކަކީ ސައްހަ މުއާމަލާތްތަކެއް ކަމަށް މީގެ ކުރިން ކޯޓުން ނިންމާފައިވާ ކަމަށެވެ. އަދި އެ ދެ ކުންފުނީގެ ދެމެދުގައި ހިންގި މުއާމަލާތްތައް އޭސީސީން ތަހުގީގު ކުރަމުންދިޔަ ނަމަވެސް އެއީ ގޯސް މުއާމަލާތްތަކެއްކަމަށް އައި ބުނެފައިނުވާ ކަމަށްވެސް ރައީސް ޔާމީން ފާހަގަ ކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެސްއޯއެފްގެ އެކައުންޓުން ދެ ފަހަރެއްގެމަތިން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިޔަން ޑޮލަރު ޖަމާކުރިއިރު، އެމްއެމްޕީއާރުސީގެ ޖަމާކުރި ޑޮލަރުގެ އިތުރުންވެސް އެ ކުންފުނީގެ އެކައުންޓްގައި އަށްލައްކައަށްވުރެ ގިނަ ޑޮލަރު ހުރިކަމަށެވެ. އެހެންކަމުން އެ ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ފައިސާކަން ނިންމަނީ ކޮން ގޮތަކުންތޯވެސް ސުވާލު އުފެއްދެވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެސްކްރޯ އެކައުންޓުގައި ފައިސާ ބަހައްޓައިދޭން އިސްނެންގެވީވެސް އެމަނިކުފާނު ކަމަށެވެ. އެކަމުންވެސް އެކަނިކުފާނުގެ ގޯސްނިޔަތެއްނެތްކަން އެނގިގެންދާކަމަށް ވިދާޅުވިއެވެ.

"އެއީކީ އޭސީސީއިން އެއްގޮތަކަށްވެސް އެޅި ފިޔަވަޅެއް ނޫން. މި ފައިސާ ހޯދަން ދައުލަތުން ގެއްލިގެން އުޅޭ ފައިސާއެއް ހޯދަން އޭސީސީއިން ކުރި މަސައްކަތެއް ނޯންނާނެ މިހާތަނަކަށް. މިތަނުގައި ހެކި އަދާ ކުރައްވަމުން މުއައްވިޒުވެސް ވަނީ އެހެން ވިދާޅުވެފައި އަދި ލުތުފީގެ ބަޔާނުގައިވެސް އެ ވާހަކަ ދައްކާފައިވޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.

މަނީ ލޯންޑްރިންގެ ދެ އެލެމެންޓް ފާހަގަ ކުރައްވައި ރައީސް ޔާމީިން ވިދާޅުވީ، ނުބައި ނިޔަތެއް އޮވެގެން އެސްއޯއެފްގެ ފައިސާ ފޮރުވަދޭން އެމަނިކުފާނު މަސައްކަތް ކުރައްވާކަމަށް ދައުލަތުން ބުނާ ކަމަށެވެ. ނަމަވެސް ފައިސާގެ އަސްލު އޮޅޭގޮތަށް އެއްވެސްކަމެއް ކުރައްވާފައި ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާލާނީ ލޯންޑާކުރުމުގެ ޑެފިނިޝަނަށް ބަލާ ކަމުގައި ވަންޏާ ގާނޫނުގައި އޮންނަ ގޮތަށްވެސް ބައިނަލްއަގުވާމީ ކޮންވެންޝަންތަކުގައި އޮންނަ ގޮތަށް ބެލިޔަސް މީގެ އަސްލު އޮޅޭ ގޮތަށް އެއްވެސް ކަމެއް ނުކުރޭ. އެ އެކައުންޓަށް ވަން ފައިސާ، އަދިވެސް އެހެރީ، އަޅުގަނޑުގެ އެކައުންޓުގައި އެމްއައިބީގައި ހަމަ ކުރީގައިވެސް ފައިސާ ވަތް ބޭންކުގައި. އެހެންވީމާ ފައިސާ ފޮރުވާކަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނެތް،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެފައިސާއަކީ ފަހަރެއްގައިވެސް ދައުލަތުގެ ފައިސާއަށް ވެދާނެތީ އެކަމަށް އިސްނެންގެވީ އެމަނިކުފާނު ކަމަށާއި އެކަމުގައި އޭސީސީން މިހާތަން ކޮށްފައި އޮތްކަމެއްނޯންނާނެ ކަމަށެވެ. އަދި އެއީ ހެޔޮނިޔަތް، ރަނގަޅު ނިޔަތުގައި އެމަނިކުފާނު ކުރެއްވި ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.