ޚަބަރު

ގިނަ ދުވަސްތަކަށްފަހު ރާއްޖޭގެ ވެރިޔަކު ޔޫއެންގައި ތަގުރީރު ކުރެއްވުމަކީ ފަހުރެއް: ތޯރިގު

ފަތޯނާ ފާއިޒު

ހަތް އަހަރަށްފަހު ރާއްޖޭގެ ވެރިއަކު އދގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަކީ ފަހުރުވެރިވާ ކަމެއް ކަމުގައި ކުރީގެ އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އިއްޔެ ނިއުޔޯކްގައި ބޭއްވި އދގެ 74 ވަނަ ޖެނެރަލް އެސެމްބްލީ ނުވަތަ އާންމު މަޖިލީހުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ތަގުރީރު ކުރައްވައިފައެވެ. ރައީސް ސޯލިހުގެ ކުރިން، އދގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވި ރައީސް އަކީ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކެވެ. އެއީ 2012 ވަަނަ އަހަރު ބޭއްވި އާންމު މަޖިލީހުގައެވެ.

ތޯރިގު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސްގެ ތަގުރީރުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ލިބޭ ގެއްލުންތަކަށް އަލިއަޅުއްވައިލެއްވީތީ އުފާ ކުރައްވާ ކަމަށެވެ.

ރާއްޖެ އދގެ މެމްބަރު ގައުމަކަށް ވެފައިވަނީ 1965 ވަަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 21 ވަނަ ދުވަހުއެވެ. އދގެ މެމްބަރު ގައުމުތަކުގެ ގޮތުގައި 193 ގައުމެއް ހިމެނެއެވެ