ޚަބަރު

''ޖަޒީރާ ކެނޯ ރޭސް'' ގައި ރާއްޖޭގެ 18 އަތޮޅަކުން ބައިވެރިވެއްޖެ

މަރިޔަމް ޝަހުދާ

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމަށް ރާއްޖޭގައި ހިންގާ ހަރަކާތްތަކުގެ ތެރެއިން މާދަމާ ކުރިއަށް ދިއުމަށް ހަމަޖައްސާފައިވާ ''ޖަޒީރާ ކެނޯ ރޭސް'' ގައި ރާއްޖޭގެ 18 އަތޮޅަކުން ބައިވެރިވެއްޖެ އެވެ.

ޓުއަރިޒަމް މިނިސްޓްރީގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންނަށް މައުލޫމާތު ދެމުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ''ޖަޒީރާ ކެނޯ ރޭސް'' މާދަމާ ކުރިއަށް ދާނީ ވ އަތޮޅުގައި ކަމަށެވެ. އަދި މި ރޭހުގައި ބައިވެރިވާ 18 އަތޮޅުން ކޮންމެ އަތޮޅަކުން އަންހެން އަދި ފިރިހެން ފަލިޖެހުންތެރިން ބައިވެރިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މާދަމާ ކުރިއަށްދާ މި ރޭހުގައި ފުރަތަމަ އަންހެނުން ފަލިޖަހާނީ ވ.ކެޔޮދޫ އިން އެއަތޮޅު ފެލިދޫއަށެވެ. އަދި ފިރިހެން ފަލިޖެހުންތެރިން ފަލި ޖެހުމަށް ހަމަޖައްސާފައިވަނީ ވ.ފެލިދޫ އިން އެއަތޮޅު ތިނަދޫ އަށެވެ. މިރޭހަކީ ރާއްޖޭގައި ދުނިޔޭގެ ޓުއަރިޒަމް ދުވަސް ފާހަގަ ކުރުމަށް ބާއްވާ ހަރަކާތްތައް ފެށުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ހަރަކާތެކެވެ. މި ހަރަކާތްތަކުގެ ފޮޓޯ އާއި ވީޑިއޯ ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ބޭނުން ކުރާނެއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރާއްޖޭގައި ބައިނަލްއަގްވާމީ ފަތުރުވެރިންގެ ދުވަސް ފާހަގަ ކުރުމަށް ޖުމްލަ ހަތް ހަރަކާތެއް ރޭވިފައިވާކަމަށެވެ. އަދި މި ހަރަކާތްތަށް ފެށުމަށް މާދަމާ ކުރިއަށްދާ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ޝަރަފުވެރިކޮށްދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުންވެސް ކުރިއަށް ރޭވިފައިވާ ހަރަކާތްތަކުގައި ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.