މުހައްމަދު އައުޒަމް
އުއްމަތުގެ ބާއްޖަވެރިކަމާއި ހެވާއި ލާބައަށްޓަކައި ކީރިތި ރަސޫލާ ގެންނެވި ތައުލީމަށް ބޯލަނބަންޖެހޭ ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.
ހުތުބާގައި ބުނެފައިވަނީ މިއީ ބަރަކާތުން ފުރިގެންވާ މައްސަރެއް ކަމަށާއި ނަބީކަމާއި ރަސޫލުކަން ހަތިމް ކުރެއްވުމަށް ފޮނުއްވުނު މާތް ސާހިބާ މުހައްމަދު ބިން އަބްދުﷲ ދުނިޔެއަށް ވަޑައިގަތުމުގެ ޝަރަފު ދުނިޔެއަށް ލިބުނު މައްސަރު ކަމަށެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ އުއްމަތުގެ ހައްގުގައި ކީރިތި ރަސޫލާ ކޮށްދެއްވި ކަންތަކަށް އަދާކުރަންޖެހޭ ޝުކުރަކީ މަތިވެރި ޝުކުރެއް ކަމަށެވެ.
"ކީރިތި ރަސޫލާ މިއުއްމަތުގެ ހެވާއި ލާބައާއި މަތިވެރިކަމަށްޓަކައި ކުރެއްވި މިންނެތް މަސައްކަތްޕުޅަކީ ދުލަކުން ގަލަމަކުން ބަޔާންކުރެވޭ ވަރަށްވުރެ މަތިވެރި ކަންތައްތަކެކެވެ. އަދި އެކަމަށް އަދާކުރަންޖެހޭ ޝުކުރަކީ އެހާ މަތިވެރި ޝުކުރެކެވެ..." ހުތުބާގައި ބުނެފައިވެއެވެ.
ކީރިތި ރަސޫލާ އުއްމަތަށްޓަކައި ކުރެއްވި ހިޖުރައަށް ހުތުބާގައި އަލިއަޅުވާލާފައިވެއެވެ. އިސްލާމީ ދައުލަތްތައް ބިނާކުރެއްވުމުގައި ކުރެއްވި މަސައްކަތުގެ ސަބަބުން އިތުރު އެކަލޭގެފާނަށް ތަބާވީ މީހުންގެ އަދަދު އެތައް ގުނައަކަށް އިތުރުވެގެންދިޔަ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
"ތޭވީސް އަހަރު ކެނޑިނޭޅި ކުރެއްވި މަސައްކަތްޕުޅަށްފަހު ސުވަރުގެވަޑައިތީ މާތް ރަސޫލާގެ ކޮނޑުފުޅުގައި އެޅުއްވުނު ވަރުގަދަ މަސްއޫލިއްޔަތު ފުރިހަމަގޮތުގައި އުފުއްލަވާފައެވެ. އެކަލޭގެފާނުގެ ރިސާލަތު ފުރިހަމައަށް އަދާކުރައްވާފައެވެ.." މިއަދުގެ ހުތުބާގައި ބުނެފައިވެއެވެ.
ކީރިތި ރަސޫލާ ދުނިޔެ ދޫކުރައްވައި ވަޑައިގަތީ އަޅުގަނޑުމެން އޭގައި ހިފަހައްޓައިފިނަމަ އަޅުގަނޑުމެންނަށް ދުވަހަކުވެސް މަގުނޯޅޭ ފަދަ ދޭއްޗެއް އަޅުގަނޑުމެންގެ ތެރެއަށް ދޫކުރައްވާފައި ކަމަށާއި، އެއީ ކީރިތި ޤުރުއާނާއި އިތުރު އެކަލޭގެފާނުގެ ހަދީސްފުޅު ކަމަށް ހުތުބާގައި ބުނެފައިވެއެވެ.