އިބްރާހިމް ޒަކީ
ހުތުބާ ވިދާޅުވާ ރާގު ދޫކުރައްވައި، ޑްރާމާ ކުޅުއްވާގޮތް ބަދަލުކުރައްވައި، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް ދައުލަތުން ކުރާ މަނީލޯންޑަރިންގެ ދައުވާއިން ބަރީއަވުމަށް ދިފާއީ ހެކީގެ ބަޔާން ހުށަހެޅުއްވުމަށް، ރައީސް ޔާމީންގެ ގާނޫނީ ވަކީލު އާދަމް އާސިފް އަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އަންގަވައިފިއެވެ.
މައްސަލައިގައި، ރައީސް ޔާމީންގެ ދިފާއުގައި ހެކި ހުށަހެޅުއްވުމަށާއި، ރައީސް ޔާމީންގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް، ދައުލަތުން ހުށަހަޅުއްވާފައިވާ ހެތްކާބެހޭގޮތުން ވާހަކަ ދެއްވުމަށް ދެއްވި ފުރުސަތުގައި ވަކީލު އާދަމް އާސިފް ވާހަކަ ފައްޓަވައި ވަރަށް ދިގުކޮށް، ރާގެއްގައި ވާހަކަ ކުރިއަށް ގެންދަވަން ފައްޓަވައި ގިނަ އިރުތަކެއް ވުމުން، ވަކީލުގެ ވާހަކަ މެދު ކަނޑުއްވާލެއްވުމަށްފަހު، އިސްގާޒީ ހައިލަމް ވިދާޅުވީ، ވަކީ ލަކީ އަލަށް ޝަރީއަތަށް ވަޑައިގެންނެވި ބޭފުޅެއްނޫން ކަމަށެވެ. އަދި ތަންކޮޅެއް ރަނގަޅަށް ބަޔާން ހުށަހެޅުމަށް އިސްގާޒީ ވަކީލަށް އެންގެވިއެވެ.
އިސްގާޒީ އެހެން އެންގެވުމުން ވަކީލު ވިދާޅުވީ، އެއީ އަޑުހުރިގޮތުން ވާކަމެއް ކަމަށެވެ. ނަމަވެސް އެހެން ބޭފުޅުން އެފަދަ ރާގެއް ބޭނުން ނުކުރައްވާކަން ފާހަގަ ކުރެއްވުމުގެ ގޮތުން އިސްގާޒީ ވިދާޅުވީ، ދިފާއީ އަނެއް ވަކީލު އަލީ ޝާހާއި ދައުލަތުގެ ޕްރޮސިކިއުޓާ ބަޔާން ހުށަހެޅުއްވި ކަމަށެވެ.
އަދި އެއީ ވަކީލު އާސިފް ގެ އަޑުގައި ހުކަމެއްނޫންކަމަށާއި ރާގުގެކަމެއް ކަމަށް އިސްގާޒީ ވިދާޅުވިއެވެ.
އަދި ރާގު ގެންގުޅުއްވާގޮތުން ހުތުބާއެއް ވިދާޅުވާހެން ބައެއް ފަހަރު ހީވެވަޑައިގަންނަވާ ކަމަށާއި، ބައެއް ފަހަރު ޑްރާމާއެއް ކުޅުއްވާހެން ހީވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ ރަނގަޅަށް ވާހަކަ ދެއްކެވުމަށް އިސްގާޒީ ހައިލަމް ވަކީލު އާސިފްއަށް އެންގެވިއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ކުރިއަށްދިޔައީ ދެ ފަރާތުން ހެކި ހުށަހެޅުމާއި ހެތްކާބެހޭގޮތުން ވާހަކަ ދެއްކުމެވެ.