އިބްރާހިމް ޒަކީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑާ ކުރުމުގެ ދައުވާއަށް، ދިފާއީ ހެތްކެއްގެ ގޮތުގައި އެމަނިކުފާނު ހުށަހެޅުއްވި، އެމްއެމްއޭގެ ކުރީގެ ގަވަރު ނަރު އަޒީމާ އާދަމް ހެކިބަސް ދެއްވުމަށް މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ވަޑައެއް ނުގެންނެވިއެވެ.
މިއަދުގެ ޝަރިއަތުގެ މަޖިލިސް ފެއްޓެވުމަށްފަހު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ، ދިފާއީ ހެތްކެއްގެ ގޮތުގައި، ރައީސް ޔާމީންގެ ފަރާތުން ހުށަހަޅުއްވާފައިވާ، އަޒީމާ މިއަދު ކޯޓަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.
ކޯޓު އަމުރުގައިވާ ވަގުތަށް ކޯޓަށް ހާޒިރުވެވަޑައިގެންނެވެން ނެތް ކަމަށާއި، ވަޒީފާ އަދާކުރައަވަމުން ގެންދަވަނީ، ރާއްޖޭން ބޭރުގައި ކަމަށްވާތީ، އާއި މި މައްސަލައިގައި އަދާކުރެއްވޭނެ ހެކިބަހެއް ނެތުމުން ކޯޓަށް ވަޑައިގެންނެވުމަށް އުޒުރުވެރިވެ ވަޑައިގަންނަވާކަމަށް، އެ ސިޓީގައި އަޒީމާ ވިދާޅުވެފައިވާ ކަމަށް އިސްގާޒީ ހައިލަމް ވިދާޅުވިއެެވެ.
އެއަށްފަހު، އަޒީމާގެ އެ ސިޓީއާ ގުޅިގެން ދިފައީ ވަކީލަށް ވާހަކަ ދެއްކެވުމަށް އިސްގާޒީ ފުރުސަތު ދެއްވިއެވެ.
އެ މައްސަލައިގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ވާހަކަ ދައްކަވަމުން އެމަނިކުފާނުގެ ވަކީލު އަލީ ޝާހު ވިދާޅުވީ، މައްސަލަ ރައްދުވާ ފަރާތުން އެވަނީ ދިފާއީ ކެހި ހުށަހަޅުއްވާފައި ކަމަށާއި، އެކަމުގައި ޝަރީއަތުން ގޮތެއް ނިންމުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަދި ޝަރީއަތުން އެކަމުގައި ނިންމަވާ ނިންމެވުމަކީ ނިހާއީ ނިންމެވުމެއްކަމަށް ގަބޫލު ކުރައްވާނެ ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ، އަޒީމާ ރާއްޖޭން ބޭރުގައި ވަޒީފާ އަދާކުރައްވަމުން ގެންދަވާތީ، ކޯޓުން އަންގާ ގަޑިއަށް ކޯޓަށް ހާޒިރުވެވެން ނެތް ކަމަށް ވިދާޅުވެފައިވުމާއި، މި މައްސަލައިގައި ހެކިވެރިޔާއަށް އަދާ ކުރެއްވޭނެ ކެހިބަހެއް ނެތްކަމަށާއި، ކޯޓަށް ހާޒިރުވެވަޑައިގަތުމަށް އުޒުރުވެރިވާކަމަށް ވިދާޅުވެފައިވާތީ އަޒީމާ އިތުރަށް ކޯޓަށް ހާޒިރު ނުކުރެއްވުމަށާއި ކޯޓުއަމުރު އިތުރަށް ނުފޮނުއްވުމަށް ނިންމެވީ ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު، އެމްއެމްއޭގެ ގަވަރުނަރު ކަމަށް އަޒީމާ އައްޔަންކުރެއްވީ 2014 އޭޕްރީލް 14 ވަނަ ދުވަހު އެވެ.
އެ މަގާމުން އަޒީމާ އިސްތިއުފާ ދެއްވީ 2017 ވަނަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައެވެ.
ރައީސް ޔާމީންގެ ޝަރީއަރުގެ މަޖިލީހުގައި މިއަދު ކުރިއަށްގެންދަނީ ދައުލަތުން ހުށަހަޅާ ކިތާބީ ހެކި ހުށަހެޅުމެވެ.