ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑާ ކުރުމުގެ ދައުވާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން، ފަށަން ތާވަލް ކޮށްފައި އޮތް ގަޑިއަށްވުރެ 50 މިނިޓް ފަހުން ފަށައިފިއެވެ.
ކްރިމިނަލް ކޯޓުގައި މިއަދުގެ ޝަރީއަތް ތާވަލް ކޮށްފައި ވަނީ 9:30 ގައި ފަށާ ގޮތަށެވެ.
ނަމަވެސް ޝަރިއަތުގެ މަޖިލިސް ފެށީ 10:20 ގައެވެ.
އާންމުކޮށް ހުޅުވާލައިގެން ކްރިމިނަލް ކޯޓުގައި ބާއްވާ މިއަޑުއެހުމަކީ މި މައްސަލައިގެ ޝަރީއަތުގެ ތިން އަޑުއެހުމެވެ.
އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިމަހުގެ ތިން ވަނަ ދުވަހުއެވެ. އެ ދުވަހު ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކިންގެ ހެކި ބަސް ނެގިއެވެ.
އެދުވަހުގެ އަޑުއެހުން ނިންމަވާލައްވަމުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ މިއަދުގެ އަޑުއެހުމެއްގައި އޮންނާނީ ރައީސް ޔާމީނާ ދެކޮޅަށް ހެތްކެއްގެ
ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އެމައްސަލައާބެހޭގޮތުން ބަޔާން ދެއްވި ވީޑިއޯ ރެކޯޑިން ބެލުމާމެދު ޝަރީއަތުން ގޮތެއް ނިންމެވުން ކަމަށެވެ.
މީގެ އިތުރުން ރައީސް ޔާމީންގެ ފަރާތުން ހުށަހަޅުއްވާ ދިފާއީ ހެތްކާބެހޭގޮތުން ވާހަކަ ދެއްކުމަށްވެސް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އޮންނާނެ އެވެ.
މީގެކުރިން ބޭއްވި ޝަރީއަތުގެ މަޖިލިސް ތަކުގައި މުޅިން ވެސް ކުރިއަށް ގެންގޮސްފައިވަނީ، ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިނިގެ ހެކިބަސް ނެގުމެވެ.
ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން މިހާތަނަށް ހުށަހަޅާފައި ވަނީ އެމަނިކުފާނުގެ ސަރުކާރުގައި އިސް މަގާމުތައް އަދާކުރައްވާފައިވާ ބޭފުޅުންތަކެވެ.
އޭގެ ތެރޭގައި ޔާމީންގެ ދެވަނަ ނާއިބުރައީސް އަހުމަދު އަދީބާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ބޭންކު އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ އަދި އޮޕަރޭޝަންސް ޑައިރެކްޓަރު މުހައްމަދު ޝަރީފް އާއި ކުރީގެ ސްޓޭޓް މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުހައްމަދު ލުވެއިޒްގެ އިތުރުން އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެއެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން މިހާރު ކުރަމުންދާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެނަމަ ފަސް އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އެމަނިކުފާނުގެ މައްޗަށް އަންނާނެ އެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން، އެސްއޯއެފް ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު ހެދި އެއްބަސްވުމެއްގެ ދަށުން އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވުމަށްފަހު، އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގައި އެމަނިކުފާނު ހުޅުއްވެވި ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ޖަމާކޮށް އޭގެ އަސްލު އޮޅުވައިލި މައްސަލައިގައެވެ.