ރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދެ ފަރާތަކަށް ދޫކޮށްފައިވާ ރެމިޓެންސް އަދި މަނީ ޗޭންޖަރ ލައިސަންސް ހިފަހައްޓައިފިއެވެ.
އެމްއެމްއޭ އިން އިއްޔެ ބުނީ އެ އޮތޯރިޓީ އިން ބަނޑަހަ ފައިނޭންޝަލްސް ޕްރައިވެޓް ލިމިޓެޑް އަށް ދޫކޮށްފައިވާ ރެމިޓަންސް ވިޔަފާރި ލައިސަންސް އާއި، ބަނޑަހަ ކެފޭ އަށް ދޫކޮށްފައިވާ މަނީޗޭންޖަރ ލައިސަންސް ހިފަހައްޓާފައިވާ ކަމަށެވެ.
ބަނޑަހަ ފައިނޭންޝަލްސް ޕްރައިވެޓް ލިމިޓެޑުން ޗާންދަނީ މަގު އެމްއެފް ބިލްޑިން އަދި ހ. ގަލަދުންގޭގައި ރެމިޓެންސްގެ ވިޔަފާރި ކުރަމުންދާއިރު، ބަނޑަހަކެފޭ މަނީޗޭންޖާގެ ވިޔަފާރި ކުރަމުން ގޮސްފައިވަނީ އެމްއެފް ބިލްޑިން ގްރައުންޑް ފްލޯގަ އެވެ. އެމްއެމްއޭ އިން ވަނީ މި ދެ ފަރާތުގެ ވެސް ލައިސަންސް ވެސް މިހާރު ހިފަހައްޓާފައެވެ.
މި ދެ ފަރާތުގެ ލައިސަންސް ހިފަހައްޓާފައިވަނީ ވަގުތީގޮތުން ކަމަށް އެމްއެމްއޭ އިން ބުނި ނަމަވެސް ލައިސަންސް ހިފެހެއްޓި ސަބަބެއް އެފަރާތުން ހާމަކޮށްފައެއް ނުވެއެވެ.