އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަންނަވާ ދުނިޔޭގެ ގައުމުތަކުގެ ވެރިންގެ ޝަރަފުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ދެއްވި ހާއްސަ ފަރިއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ބައިވެރިވެވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ މި ފަރިއްކޮޅަކީ، ގައުމުތަކުގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާ ކުރަން ގައުމުތަކުގެ ވެރިންނަށް ލިބިގެންދިޔަ ފުރުސަތެއްކަމަމަށެވެ.
އެމެރިކާގެ ރައީސް ބޭއްވެވި މި ފަރިއްކޮޅުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އިތުރުން އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށް ނިއުޔޯކަށް މިހާރު ވަޑައިގެން އުޅުއްވާ ގައުމުތަކުގެ ރައީސުންނާއި، ބޮޑު ވަޒީރުންގެ އިތުރުން ބައެއް ގައުމުތަކުގެ އިސް ވެރިން ބައިވެރިވެ ވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
މިއަހަރުގެ އދ. ގެ އާންމު މަޖިލިސް ނިއުޔޯކުގައި ކުރިއަށްްދާއިރު، ރައީސުލް ޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް އިއްޔެ ވަނީ މި މަޖިލީހުގައި ތަގުރީރު ކުރައްވާފައެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މިއީ، ފާއިތުވި ހަތް އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު އދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވި ފުރަތަމަ ފަހަރެވެ.