އިންޑިއާގެ މެގާ ސްޓާ އަމީތާބް ބަޗަން މިއަހަރުގެ ދާދާ ސާހެބް ޕަލްކޭ އެވޯޑަށް ހޮވިއްޖެއެވެ.
މީގެ ކުރިން އިންޑިއާގެ ސަރުކާރުންދޭ އެންމެ މަތީ އެވޯޑު ތަކުގެ ތެރެއިން ޕަޑްމާ ޝްރީ އެވޯޑު 1984ގައި ހޯދާފައިވާ އަދި 2001 ވަނަ އަހަރު ޕަޑްމާ ބޫޝަން އެވޯޑާއި 2015 ވަނަ އަހަރު ޕަޑްމާ ވިބޫޝަން އެވޯޑުވެސް ލިބިފައިވާ އަމީތާބު ދާދާ ސާހެބް ޕަލްކޭ އެވޯޑަށް ހޮވިފައިވާކަން ހާމަކޮށްފައިވަނީ އިންޑިއާގެ ޔޫނިއަން މިނިސްޓަރ އޮފް އިންފޯމޭޝަން އެންޑް ބްރޯޑްކާސްޓިން ކަމަށްވާ ޕްރަކާޝް ޖަވަދޭކަރުއެވެ.
ކުރިން ފާހަގަ ކުރި އެވޯޑު ތަކުގެ އިތުރުންވެސް އަމީތާބަށް ވަނީ ހަތަރު ގައުމީ އިނާމާއި އެތައް ބައިނަލްއަގްވާމީ އެވޯޑުތަކެއްވެސް މީގެ ކުރިން ލިބިފައެވެ.
މަގްބޫލު އަދި ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ އަމީތާބަކީ ބޮލީވުޑްގައި އެންމެ ގިނަ ދުވަސްވަންދެން މެގާ ސްޓާއެއްގެ މަގާމުގައި ދެމިހުރި އެއް ބަތަލެވެ. އުމުރުން 76 އަހަރުވެފައިވާއިރު އަމީތާބް އަދިވެސް ގެންދަނީ ބޮލީވުޑްގައި ފިޔަޖަހަމުންނެވެ.
އަމީތާބު އެވޯޑަށް ހޮވިފައިވާކަން އިއުލާން ކުރުމާއެކު ގިނަ ބަޔަކު ދަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ.