ދެހާސް ތޭވީސް ވަނަ އަހަރުގެ ކުރިން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމުގެ މަސައްކަތް ރާއްޖެއިން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމުން ދުނިޔޭގެ ބޮޑު ސަމާލުކަމެއް އެމަނިކުފާނަށް ލިބިވަޑައިގެންފިއެވެ.
ރައީސް މި އަމާޒު ދުނިޔެއަށް ހާމަކުރެއްވީ އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ.ގެ 74 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުންނެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އެކަށީގެންވާ ފިޔަވަޅުތަކެއް މިހާތަނަށް ވެސް ނޭޅިވުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ރައީސް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ފާއިތުވި 30 އަހަރު ރާއްޖެއިން ވަކާލާތު ކޮށްފައިވާ ކަމަށެވެ.
އަދި އެގޮތަށް ވަކާލާތު ކުރީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެފަދަ ކުދި ގައުމުތައް ނެތިދިއުމުގެ ބިރު އޮތް މިންވަރު ބޮޑުކަމުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ، 2016 ވަނަ އަހަރުގެ އދ.ގެ ޖެނެރަލް އެސަމްބްލީގައި މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށް އެކުލަވާލި "ޕެރިސް އެގްރީމަންޓް"ގައި ބުނާ ޓައިމަލައިންތަކަށް ރާއްޖެއަކަށް މަޑު ކުރެވެން ނެތް ކަމަށާއި އަދި މަޑު ނުވެސް ކުރާނެ ކަމަށެވެ.
އެގޮތުން މޫސުމީ މައްސަލައަށް ހައްލެއް ހޯދުމަށް ރާއްޖެއިން މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، ސްމޯލް އައިލެންޑް ޑިވަލޮޕިން ސްޓޭޓްސް އަދި އެލައަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސްގެ މެމްބަރު ގައުމުތަކާއެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
އަދި އިއްޔެ ބޭއްވި އ.ދ. ގެ ކްލައިމެޓް އެކްޝަން ސަމިޓްގައި ހުށައަޅުއްވާފައިވާ ރާއްޖޭގެ "މޯލްޑިވްސް ސްމާޓް ރެސިލިއެންޓް އައިލެންޑްސް އިނިޝިއޭޓިވް" ޕްލޭންގެ ދަށުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް، 2023 ވަނަ އަހަރުގެ ކުރިން ހުއްޓާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވުމުން، އެވަގުތު އެތަނަށް ވަޑައިގެން ތިއްބެވި ގައުމުތަކުގެ އިސްވެރިންނާއި މެމްބަރުން ވަނީ އެކަމަށް ތާއީދު ކުރައްވާ އަތްތިލަބަޑި ޖައްސަވައިފައެވެ.
ރައީސް ސޯލިހު މިއަދު އދ. ގައި ތަގުރީރު ކުރެއްވިއިރު، މިއީ ހަތް އަހަރަށްފަހު ރާއްޖޭގެ ރައީސަކު އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގެން ތަގުރީރު ކުރެއްވި ފުރަތަމަ ފަހަރެވެ.