ޚަބަރު

ފަަލަސްތީންގައި މިނިވަން ދައުލަތެއް ގާއިމްކުރުމަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރާނެ: ރައީސް

ފަލަސްތީންގައި މިނިވަން ދައުލަތެއް ގާއިމް ކުރުމަށް އެގައުމުގެ ރައްޔިތުން ކުރަމުންދާ ބުރަ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ވަރުގަދައަށް ސާބިތުވެ ތިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މި ޔަގީންކަން ދެއްވީ އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ.ގެ 74 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުންނެވެ. މިއީ ހަތް އަހަރަށްފަހު ރާއްޖޭގެ ރައީސަކު އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގެން ތަގުރީރު ކުރެއްވި ފުރަތަމަ ފަހަރެވެ.

ފަލަސްތީންގެ މައްސަލައަށް އިޝާރާތް ކުރައްވާ ރައީސް ކުރެއްވި ތަގުރީރުގައި ވިދާޅުވީ، އެތައް ޒަމާނެއް ވެގެންދިޔަ އިރުވެސް ފަލަސްތީންގެ މައްސަލަ ހައްލުކުރުމަށް އދ. އާއި މެމްބަރު ގައުމުތައް ނުކުޅެދިފައިވާ ކަމަށެވެ.

އަދި ބައިނަލްއަގްވާމީ ގާނޫނުތަކާއި އދ.ގެ ޖެނެރަލް އެސެމްބަލީ އާއި ސެކިއުރިޓީ ކައުންސިލުން ނެރެފައިވާ ގަރާރުތަކާ ހިލާފަށް އިޒްރޭލުން ފަލަސްތީން ރައްޔިތުންގެ ހައްގުތައް ހާމަކަން ބޮޑު ގޮތެއްގައި ނިގުޅައިގަނެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"މެދު އިރުމައްޗަށް ދެމިގެންދާ ސުލްހައެއް ގެނެވޭނީ ދެ ދައުލަތް ގާއިމްކުރުމަށް އިޒްރޭލާއި އަރަބި ގައުމުތަކާ ދެމެދު ބާއްވާ ތަފާތު އަދި މާނަ ވާހަކަތަކުންކަމާމެދު ޝައްކެއް ނެތް،" ރައީސް ވިދާޅުވެފައިވެއެވެ.

އަދި ދެ ދައުލަތް ގާއިމްކުރުމުގެ ނަތީޖާއަށް ހާސިލްވުމަށް މަގުފަހިކޮށްދިނުމަށް އދ. އާއި މެމްބަރު ގައުމުތަކަށް ރައީސްގެ ތަގުގީރުގައި ވަނީ ގޮވާލައްވައިފައެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، 1967 ވަނަ އަހަރު ކަނޑައެޅި ބޯޑަރާ އެއްގޮތަށް ފަލަސްތީންގައި މިނިވަން ދައުލަތެއް ގާއިމް ކުރުމަށާއި އިރުމަތީ ގުދުސަކީ އެ ދައުލަތުގެ ވެރިރަށް ކަމުގައި ހެދުމަށް ފަލަސްތީންގެ ރައްޔިތުން ކުރަމުންދާ ބުރަ މަސައްކަތުގައި ރާއްޖެއިން ފުރިހަމައަށް ތާއީދު ކުރައްވާނެ ކަމަށެވެ.