ޚަބަރު

މަޖީދީމަގުގައި ބަހައްޓާ ފަޔާ ހައިޑްރަންޓް ސިސްޓަމްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް މަޝްވަރާކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

މަޖީދީމަގުގައި ބަހައްޓާ ފަޔާ ހައިޑްރަންޓް ސިސްޓަމްތަކުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށްޓަކާ ސަރުކާރު ކަމާގުޅޭ މުއައްސަސާތަކާއެކު ޑިފެންސް މިނިސްޓްރީން މަޝްވަރާކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ، ޑިފެންސް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ އިތުރުން މާލޭ ސިޓީ ކައުންސިލާއި އެމްޑަބްލިޔުއެސްސީ އަދި ހައުސިން މިނިސްޓްރީގެ ޓެކްނިކަލް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ. އަދި ބައްދަލުވުމުގައި ފަޔާ ހައިޑްރަންޓް ސިސްޓަމް ބެހެއްޓުމުގެ މަޝްރޫއު އަލުން ފަށައި މި މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް މަޝްވަރާ ކޮށްފައިވެއެވެ.

މާލޭގައި ހިނގާ އަލިފާނުގެ ހާދިސާތައް އަވަހަށް ކޮންޓްރޯލްކޮށް، އަލިފާން ނިއްވާލުމަށްޓަކައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއަށް ބޭނުންވާ ފެން، ޕްރެޝަރުގައި ފަސޭހައިން ލިބޭނެ ނިޒާމެއް ގާއިމްކުރުމަށް، މިދިޔަ ސަރުކާރުން މަޖީދީމަގު އަލުން ހެދުމަށް މަސައްކަތްކުރިއިރު އެމަގުގައި ފަޔާ ހައިޑްރަންޓް ސިސްޓަމް ބެހެއްޓުމަށްވަނީ މަސައްކަތް ކޮށްފައެވެ.

ސަރުކާރުން ހަރަދުކޮށްގެން އެމްޑަބްލިޔުއެސްސީއާ އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު ސާވިސް އާއި އެމްއާރްޑީސީ އަދި ސަރުކާރުގެ އެހެނިހެން ވެސް ބައެއް މުއައްސަސާތަކުން ގުޅިގެން 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ފެށި އެ މަޝްރޫއުގެ ދަށުން މަޖީދީމަގުގައި 12 ހައިޑްރަންޓް ސިސްޓަމް ބެހެއްޓުމަށް ނިންމިއެވެ.

އެގޮތުން ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ރޭވި އެ މަޝްރޫގެ ދަށުން ބަހައްޓަން އޭރު ނިންމި ސިސްޓަމަކީ، މޫދުން ލޮނު ފެން ނަގައިގެން ބޭނުންކުރާގޮތަށް، މަޖީދީމަގުގެ ދެކޮޅުގައި ދެ ޕަމްޕު ސްޓޭޝަން ގާއިމްކޮށް އޭގެ ތެރެއިން ކޮންމެ ޕަމްޕް ސްޓޭޝަނަކުން މަޖީދީ މަގަށްވާ ގޮތަށް ހޮޅިލައިން އަޅައި، އެ ހޮޅިލައިންގައި ފަޔާ ހައިޑްރަންޓް ބަހައްޓައިގެން ގާއިމްކުރާ ސިސްޓަމެކެމެވެ.