މިދިޔަ ހުކުރު ދުވަހުގެ ރޭ ހ. ތިލަފުށި ގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް ފައިސާގެ އެހީ ވުމަށް، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ)އިން ހުޅުވި އެކައުންޓަށް 190،000 އަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.
އެންޑީއެމްއޭ އިން މިއަދު ބުނީ، ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމުގެ ގޮތުން އެ އޮތޯރިޓީން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި މިދިޔަ އާދީއްތަ ދުވަހު ހުޅުވި އެކައުންޓަށް ހެޔޮ އެދޭ ފަރާތްތަކުން މިއަދު ހަވީރު 4:00 އާ ހަމައަށް 191،555.25 ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ.
އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން September 20 Male’ Fire Relief Account ގެ ނަމުގައި ހުޅުވާފައިވާ ދިވެހި ރުފިޔާގެ އެކައުންޓް ނަމްބަރު، 7730000284246 އަށް ފައިސާގެ އެހީ ޖަމާކުރެވޭނެއެވެ.
މިހާދިސާގައި މީހުން ތިބި އިމާރާތްތަކަށް ލިބުނު ގެއްލުން ބަލައި އެމީހުންނަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުން ވެސް މިހާރު ވަނީ ނިންމައިފައެވެ.
އެހާދިސާ ހިނގަން ދިމާވި ސަބަބު އަދިވެސް ހޯދިފައިނުވާއިރު، ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި ހުކުރު ދުވަހުގެ ރެއިން ފެށިގެން އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ސިފައިން އަންނަނީ ހަރަކާތްތެރި ވަމުންނެވެ.
ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެއްގައި ރޯވެ، ހިނގި އަލިފާނުގެ ހާދިސާގައި އެ ސަރަހައްދުގައި ހުރި ހަތަރު ގުދަނެއް އަދާ ހުލިވިއިރު، ހަތް ގެއަކަށްވަނީ އަލިފާނުގެ އަސަރުކޮށްފައެވެ.