މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތަކީ ނަތީޖާ ނެރޭ މަސައްކަތްތަކަކަށް ހަދަންޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެހެން ވިދާޅުވީ "ކްލައިމެޓް އެކްޝަން ފޮ މޯލްޑިވްސް" މިނަމުގައި ޔޫއެންޑީޕީގެ ރާއްޖޭގެ ގޮފިން ކުރިއަށް ގެންދާ މީސްމީޑިއާ ކެމްޕެއިނަށް ދެއްވި ވީޑިއޯ މެސެޖެއްގައެެވެ.
މާރިޔާ ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ގުދުރަތީ ކާރިސާތައް ހިނގަމުން އަންނަ މިންވަރު އިތުރުވެފައިވާ ކަަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކަކީ ވެދާނެ ކަމެއް ނޫން ކަމަށާއި އެކަންކަން އަންނަނީ ހިނގަމުން ކަމަށް ވިދާޅުވިއެވެ.
"އަހަރުމެން މިތިބީ ކްލައިމެޓް އެމަޖެންސީއެއްގައި" މިނިސްޓަރު ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ހިނގާ ހާދިސާތައް އިތުރުވެފައިވާއިރު، އެފަދަ ނުރައްކާތައް މަދު ކުރުމަށް ގައުމީ މުއައްސަސާތަކުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރާކަން ޔަގީން ކުރަންޖެހޭ ކަމަށެވެ. އަދި އެކަމަށްޓަކާކުރާ މަސައްކަތްތަކަކީ ދެމެހެއްޓެނިވި ތަރައްގީއަށް ވާސިލުވާން މަގުފަހި ކުރުވާކަންކަން ކަމުގައި ކަށަވަރު ކުރަން ޖެހޭ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.