18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް

ރާއްޖެއިން 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީން ޖާގަ ހޯދައިފި

އަލީ ރިފްޝާން

އަށާރަ އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުން ރާއްޖެ ޖާގަ ހޯދައިފިއެވެ.

ނޭޕާލްގައި ކުރިއަށްދާ އެ މުބާރާތުގެ ސެމީން ރާއްޖެ ޖާގަ ހޯދީ މިއަދު ކުޅުނު ގްރޫޕު ސްޓޭޖު މެޗުގައި ބޫޓާން އަތުން ޕޮއިންޓެއް ހޯދައިގެންނެވެ.

ރާއްޖެ އާއި ބޫޓާން ބައްދަލުކުރި “ގްރޫޕު އޭ”ގެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް އަތުން އެއްވަރުވެފައިވަނީ 1-1ގެ ނަތީޖާއަކުންނެވެ.

ރާއްޖެއާއެކު އެ ގްރޫޕުގެ އެއްވަނައިގެ ގޮތުގައި ސެމީން ޖާގަ ހޯދީ ބޫޓާނެވެ. ބޫޓާނަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ރާއްޖެއަށް ދެ މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި ނިންމާލި ނޭޕާލަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ރާއްޖެއިން ސެމީ ފައިނަލް މެޗަށް ނުކުންނަން ޖެހޭނީ އަންނަ ހުކުރު ދުވަހުއެވެ. ސެމީގައި ރާއްޖެ ނުކުންނަން ޖެހޭ ޓީމެއް ކަށަވަރުވާނީ މާދަމާ ކުޅޭ “ގްރޫޕު ބީ”ގެ ފަހު މެޗަށް ފަހުއެވެ. ރާއްޖެ ނުކުންނަން ޖެހޭނީ އެ ގްރޫޕުގެ އެއްވަނަ ހޯދާ ޓީމާ ދެކޮޅަށެވެ. އެ ގްރޫޕުގައި ހިމެނެނީ ބަންގުލަދޭޝް، ސްރީލަންކާ އަދި އިންޑިއާއެވެ.