ފ. މަގޫދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފިއެވެ.
ޖޭއެސްސީން ބުނީ، މަގޫފޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަބްދުއްސައްތާރު ސުލައިމާންގެ މައްސަލައެއް ބަލަން ނިންމީ، މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން ބެލުމަށްފަހު، ކޮމިޝަންގެ ބައްދަލުވުމަށް މިއަދު ހުށަހެޅި 23 މައްސަލައެއްގެ ތެރެއިން ކަމަށެވެ.
ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ފަސް މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަންގެ ރައީށް އަބްދުﷲ އަރީފް، ކޮމިޝަންގެ ނައިބްރައީސް މަސްތޫރު ހުސްނީ، މެމްބަރު އަބްދުއްރައޫފު އިބްރާހިމް، މެމްބަރު އަލީ ޝަރީފު އަދި މެމްބަރު އަބްދުލްމާނިއު ހުސެއިންއެވެ.
އިތުރު ފަނޑިޔާރެއްގެ މައްސަލަ ބަލަން ޖޭއެސްސީން ނިންމިއިރު، މިދިޔަ ހަފްތާގެ ބުދަ ދުވަހު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ވެސް ކްރިމިނަލް ކޯޓްގެ ފަނޑިޔާރަކާއި ސިވިލް ކޯޓްގެ ދެ ފަނޑިޔާރުން އަދި މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލަތަކެއް ބަލަން ވަނީ ނިންމައިފައެވެ.
އެއީ ކްރިމިނަލް ކޯޓްގެ ފަނޑިޔާރު ހަސަން ނަޖީބާއި ސިވިލް ކޯޓުގެ ފަނޑިޔާރު ހަސަން ފަހީމް އިބްރާހީމާއި ސިވިލް ކޯޓްގެ ފަނޑިޔާރު ހުސައިން ފާއިޒް ރަޝާދު އަދި އަދި ލ. ދަނބިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝަރީފްގެ ދެ މައްސަލަ އެކެވެ.