ޚަބަރު

ރައީސް ޔާމީންގެ ޝަރީއަތް މާދަމާ 9:30 އަށް ތާވަލުކޮށްފި

އިބްރާހިމް ޒަކީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑާ ކުރުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަން ތާވަލް ކޮށްފިއެވެ.

އާންމުކޮށް ހުޅުވާލައިގެން ކްރިމިނަލް ކޯޓުގައި ބާއްވާ އެ ޝަރީއަތުގެ އަޑުއެހުން ތާވަން ކޮށްފައިވަނި ހެނދުނު 9:30 އަށެވެ.

މި މައްސަލާގައި ޝަރީއަތުގެ ތިން އަޑުއެހުމެއް މިހާތަނަށް ވަނީ ބާއްވައިފައެވެ.

އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިމަހުގެ ތިން ވަނަ ދުވަހުއެވެ. އެ ދުވަހު ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކިންގެ ހެކި ބަސް ނެގިއެވެ.

އެއީ ރައީސް ޔާމީންގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ބޭންކު އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ އަދި އޮޕަރޭޝަންސް ޑައިރެކްޓަރު މުހައްމަދު ޝަރީފް އާއި ކުރީގެ ސްޓޭޓް މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުހައްމަދު ލުވެއިޒްގެ ހެކިބަހެވެ.

ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން މިހާރު ހެކި ބަސް ނުނެގި އޮތީ ހަމައެކަނި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީގެއެވެ. އޭނާ ވަނީ ހެކި ބަސް ދެއްވަން އިންކާރު ކުރައްވައިފައެވެ.

އެހެންކަމުން، ދައުލަތުގެ ފަރާތުން ވަނީ ލުތުފީ ފުލުހުންނަށް ބަޔާން ދެއްވިއިރު، ކޮށްފައިވާ ވީޑިއޯގެ ރެކޯޑިން ޝަރީއަތުގައި ބެއްލެވުމަށް ޝަރީއަތަށް ހުށަހަޅުއްވައިފައެވެ. ނަމަވެސް ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުން ވަނީ އެކަމާ ދެކޮޅު ހައްދަވައިފައެވެ.

މި މައްސަލާގައި ދެ ފަރާތުން ދެއްކެވި ވާހަކަތައް އަޑުއެއްސެވުމަށްފަހު، އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެފައިވަނީ މާދަމާ އޮންނަ އަޑުއެހުމެއްގައި ލުތުފީ ބަޔާން ދެއްވި ވީޑިއޯ ރެކޯޑިން ބެލުމާމެދު ޝަރީއަތުން ގޮތެއް ނިންމަވާނެ ކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން، އެސްއޯއެފް ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު ހެދި އެއްބަސްވުމެއްގެ ދަށުން އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވުމަށްފަހު، އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގައި އެމަނިކުފާނު ހުޅުއްވެވި ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ޖަމާކޮށް އޭގެ އަސްލު އޮޅުވައިލި މައްސަލައިގައެވެ.