ޚަބަރު

ހިލޭ ގާނޫނީ އެހީދޭ ޕްރޮގްރާމް މިފަހަރު އޭދަފުށީގައި

ފަތޯނާ ފާއިޒު

ތަފާތު އެކި ސަބަބުތަކާ ގުޅިގެން ގާނޫނީ އެހީތެރިކަން ހޯދަން ދަތިވެފައިވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައި ދިނުމަށް ޔޫތު މިނިސްޓްރީއާއި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު(ޕީއައިއެލްސީ) ގުޅިގެން ހިންގާ ޕްރޮގްރާމް އަންނަ ހުކުރު ދުވަހު ބ. އޭދަފުށީގައި ފަށާ ގޮތަށް ހަމަޖައްސައިފިއެވެ.

"މޯބައިލް ލީގަލް އެއިޑް ކްލިނިކް"ގެ ނަމުގައި ހިންގާ އެ ޕްރޮގްރާމަކީ އާންމު ރައްޔިތުން ގާނޫނަށް ހޭލުންތެރިކޮށްދިނުމަށާއި، މުޖުތަމައުގައި ހަވާސާގައި ތިބޭ ފަރާތްތަކަށް ހިލޭ ގާނޫނީ އެހީ ދިނުމުގެ އިތުރުން، ރައްޔިތުން ގާނޫނީ ގޮތުން ބާރުވެރި ކުރުވުމަށް ހިންގާ ޕްރޮގްރާމެކެވެ. މީގެ ކުރިން މި ޕްރޮގްރާމް ހިންގާފައިވަނީ އައްޑޫ ސިޓީގައެެވެ.

އަންނަ ހަފުތާ ބަންދުގައި އޭދަފުށީގައި ބާއްވާ އެ ޕްރޮގްރާމުގައި އަށް ގާނޫނީ ވަކީލަކު ބައިވެރިވާނެއެވެ. އެ ޕްރޮގްރާމުގެ ދަށުން ގާނޫނީ ލަފާ ފޯރުކޮށްދޭނެ މައްސަލަތަކުގެ ތެރޭގައި ކޮންޓްރެކްޓާ ގުޅޭ މައްސަލަތަކާއި، ބިމާއި މުދަލާ ގުޅޭ މައްސަލަތަކާއި، ވަޒީފާގެ މައްސަލަތަކާއި، ބޭންކް ލޯނާ ގުޅޭ މައްސަލަތަކާއި، އިންސާނީ ހައްގުތަކާއި އަސާސީ ހައްގުތަކާ ގުޅޭ މައްސަލަތައް އަދި ގެވެށި އަނިޔާގެ މައްސަލަތައް ހިމެނެއެެވެ.

މި ޕްރޮގްރާމުގެ ތެރެއިން، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި ގެވެށި އަނިޔާއިން ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމާއި ގުޅޭގޮތުން އާންމު ރައްޔިތުންނަށް ހިންގާ ސެޝަންއެއްގެ އިތުރުން ގާނޫނީ ނިޒާމަށް ރައްޔިތުން އަހުލުވެރި ކުރުވުމަށް ހިންގާ ސެޝަންއެއް ކުރިއަށްދާނެއެވެ.

ގެވެށި އަނިޔާއާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަން ކުރިއަށްދާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 16:00އިން 18:00އަށެވެ. އަދި ގާނޫނަަށް ހޭލުންތެރި ކުރުވުމުގެ ސެޝަން އޮންނާނީ ހަމަ އެރޭ 8:30 އިން 10:00 އަށެވެ.