ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިންތިޚާބީ ރައީސް ސޯލިހު އުމްރާގެ އަޅުކަން ފުރިހަމަކުރައްވައިފި

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އުމްރާގެ އަޅުކަން ފުރިހަމަކުރައްވައިފިއެވެ.

އިބޫ އުމްރާގެ އަޅުކަން ފުރިހަމަކުރެއްވުމަށް ފުރާވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައެވެ. އިބޫއާއެކު އެ ދަތުރުފުޅުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

އިބޫގެ އޮފީހުން މައުލޫމާތުދޭ ގޮތުގައި މިހާރު އެމަނިކުފާނު ވަނީ އުމްރާގެ އަޅުކަން ފުރިހަމަކުރައްވައިފައެވެ. އިބޫގެ އެ ދަތުރުފުޅުގައި ސައުދީ އަރަބިއާގެ އިސް ބޭފުޅުން އެމަނިކުފާނާ ބައްދަލުކުރައްވައި މަރުހަބާ ދަންނަވާފައިވާ ކަމަށް ވެސް އެމަނިކުފާނުގެ އޮފީހުން ބުނެއެވެ.

އިބޫ ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ކައިރިވަމުން އަންނަ އިރު ސަރުކާރު ބަދަލުވުމުގެ ޓްރާންސިޝަންގައި އެމަނިކުފާނު ގެންދަވަނީ ގިނަ ފަރާތްތަކާ ބައްދަލުކުރައްވަމުންނެވެ. އެގޮތުން އިންތިހާބުވެވަޑައިގަތުމަށްފަހު މީގެކުރިން ސިންގަޕޫރާއި ސްރީލަންކާއަށްވެސް ވަނީ ވަޑައިގެންފައެވެ.