ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ރާއްޖޭގައި ތެޔޮ ސަޕްލައި ކުރާ ބައެއް ފަރާތްތަކާ ބައްދަލު ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި އެސްޓީއޯ، ފިއުލް ސަޕްލައި މޯލްޑިވްސް އަދި ޕޯޓްސް އޮތޯރިޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެން ޔެތޮ އެޅުމުގެ ކަންކަން މިހާރު ކުރިއަށް ގެންދާ ސަރަހައްދުތަކުގެ ހާލަތު މިހާރަށްވުރެ ރަނގަޅު އިންތިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ. އަދި ނައިބު ރައީސް ވަނީ މާލެ ސަރަހައްދުގައި ޕެޓްރޯލާއި ޑީސަލް ފަދަ ތަކެތި ސަޕްލައިކުރުމާއި އޮޑިދޯނި ފަހަރަށް ތެޔޮއެޅުމުގެ ކަންކަން މިހާރު ކުރިއަށްދާ ގޮތް އޮޅުންފިލުއްވާފައެވެ.
މިހާރުން މިހާރަށް މާލެ ސަރަހައްދުގައި ތެޔޮއެޅުމުގެ ކަންކަން ރަނގަޅުކުރަން ކުރެވޭނެ ކަންކަން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ބޭފުޅުން ފާހަގަ ކުރެއްވި އެވެ. އަދި ތެޔޮ ސަޕްލައި ކުރާ ފަރާތްތަކުގެ ހައިސިއްޔަތުން ކަންކަން ރަނގަޅުކޮށް ހަރުދަނާ ކުރުމަށް އެ ކުންފުނިތަކަށް އަދާކުރެވޭނެ ދައުރާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި މާލޭގައި ތެޔޮއެޅުމުގެ ކަންކަން ކުރިޔަށްގެންދާ ބައެއް ސަރަހައްދުތަކުގެ އިންތިޒާމް ރަނގަޅުކޮށް، ކަންކަން ހަރުދަނާ ކުރުމަށް ކުރިވެދާނެ ކަންކަން ތެޔޮ ސަޕްލައި ކުރާ ބޭފުޅުންނާ ހިއްސާ ކުރެއްވި އެވެ. އަދި އުޅަނދުތަކަށް ތެޔޮތޮއެޅުމުގެ ކަންކަން މީހުން ދިރިނޫޅޭ ސަރަހައްދަކަށް ބަދަލުކުރަން ސަރުކާރުން ވިސްނުން ހުރިގޮތް ނައިބު ރައީސް ހިއްސާކުރެއްވިއެވެ. މިހާރުވެސް އުޅަނދުފަހަރަށް ތެޔޮއެޅުމާއި ތެޔޮއުފުލާ އުޅަނދުފަހަރުގެ ކަންކަން ބަލައި މޮނިޓަރކޮށް ކަންކަން ހަރުދަނާކުރުމަށް ބައެއް ކަހަލަ ބަދަލުތައް ގެންނަވާނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.