ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

އެތެރޭގެ ދަރަނީގެ 1.9 ބިލިއަންގެ ތެރެއިން 1.5 ބިލިއަނަކީ ހިލޭ އެހީ: ފިނޭންސް މިނިސްޓަރު

އިބްރާހިމް ޒަކީ

ޓީ ބިލް ވިއްކައިގެން ދައުލަތުގެ އެތެރޭގެ ދަރަނީގެ ގޮތުގައި ރެކޯޑްކުރެވިފައިވާ 1.9 ބިލިއަން ރުފިޔާގެ ތެރެއިން 1.5 ބިލިއަން ރުފިޔާއަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ، 1.5 ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި ރެކޯޑް ކުރެވިފައި އޮތް ނަމަވެސް މެޗުއަރިޓީގައި އަންނަ އަހަރު އެ 1.5 ބިލިއަން ހިލޭ އެހީއެއްގެ ގޮތުގައި ރިކޯޑްކުރެވޭނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، 1.5 ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި ރެކޯޑް ކުރެވިފައިއޮތީ އިންޑިއާއިން ޓީ-ބިލަށް އިންވެސްޓްކުރީ ރާއްޖޭގައި ހުރި އެސްބީއައި މެދުވެރިކޮށް ކަމަށް ވާތީކަމަށެވެ.

ފިނޭންސް މިނިސްޓަރު ދެއްވި އިތުރު ތަފުސީލުގައި ވިދާޅުވިގޮތުގައި، ޓީ ބިލްގެ ގޮތުގައި މިއަހަރުގެ ޖޫންމަހާ ހަމައަށް 325 މިލިއަން ރުފިޔާ ރެކޯޑް ކުރެވިފައި ވެއެވެ. އަދި އިތުރުވެފައިވާ ދަރަނީގައި ޓީ ބިލުގެ އިތުރުން ލޯނުން ހިންގާ މަޝްރޫއުތަކުގެ ޑިސްބަރޒްމަންޓްތައްވެސް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއަހަރުގެ މިހާތަނަށް އިންޑިއާ ސަރުކާރުގެ އެހީ ފިޔަވައި ޓީ ބިލްސް އިތުރުވެފައިވަނީ "އޯވަ-ސަބްރައިބް" ކުރުމުގެ ސަބަބުން ކަމަށް ވެސް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

އެމްއެމްއޭއިން އާއްމުކޮށް މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ދައުލަތުގެ އެތެރެ އާއި ބޭރުގެ ދަރަނީގެ ޖުމުލަ ވަނީ 50.9 ބިލިއަން ރުފިޔާ އަށް އަރައިފައެވެ. ކުރިން މިއަދަދު ހުރީ 48 ބިލިއަން ރުފިޔާގައެވެ. އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ދައުލަތުގެ ދަރަނީގެ ބޮޑު ބައި ހިއްސާކުރަނީ އެތެރޭގެ ދަރަންޏެވެ. އެގޮތުން 50 ބިލިއަންގެ ތެރެއިން 29.7 ބިލިއަން ރުފިޔާއަކީ އެތެރޭގެ ދަރަންޏެވެ. އެއީ މުޅި ދަރަނީގެ 58 ޕަސެންޓެވެ. ބޭރުގެ ދަރަނި ހުރީ 21.3 ބިލިއަން ރުފިޔާގައެވެ.

އެމްއޭއިން ނެރެފައިވާ މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، ދައުލަތުގެ ދަރަނި 50 ބިލިއަން ރުފިޔާއަށްވުރެ މައްްޗަށް ވަނީ އަރައިފައެވެ. އެގޮތުން ރާއްޖޭގެ އެތެރެ އާއި ބޭރުގެ ދަރަންޏާއެކު ދަރަނީގެ ނިސްބަތް ވަނީ 50.9 ބިލިޔަނަށް އަރައިފައެވެ.

އެ 50 ބިލިއަންގެ ތެރެއިން 29.7 ބިލިއަން ރުފިޔާ އަކީ އެތެރޭގެ ދަރަންޏެވެ. ބޭރުގެ ދަަރަނީގެ ނިސްބަތަކީ 21.3 ބިލިއަން ރުފިޔާއެވެ

ތަފާސްހިސާބުން ދައްކާ ގޮތުގައި ދަރަނީގެ ބޮޑުބައި ހިއްސާކުރަނީ ސަރުކާރުން ވިއްކާފައިވާ ޓީބިލާއި ބޮންޑެވެ. އެގޮތުން މިދިއަ ޖޫންމަހުގެ ނިޔަލަށް 1.9 ބިލިއަން ރުފިޔާގެ ޓީބިލާއި ބޮންޑު ވިއްކާފައިވާކަން ވަނ ފާހަގަކޮށްފައެވެ.

ޖޫން މަހުގެ ނިޔަލަށް ރާއްޖޭން ބޭރުން ނެގި ލޯނުގެ މިންވަރު 733.5 މިލިއަން ރުފިޔާއަށް އަރާކަަމަށްވެސް އެމްއެމްއޭގެ ތަފާސްހިސާބު ތަކުން ދައްކައެވެ.