ޓެރަރިޒަމާއި ދީނީ ހަރުކަށިކަން ފެތުރުމަށް އޮންލައިން ޕްލެޓްފޯމްތައް ބޭނުން ކުރުން ހުއްޓުވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.
އެމެރިކާގައި ކުރިއަށް ދިޔަ ސްޓްރެޓީޖިކް ރެސްޕޮންސެސް ޓު ޓެރަރިސްޓް އެންޑް ވަޔަލެންޓް އެކްސްޓްރީމިޒަމް ލީޑަރޒް ޑައިލޮގްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ޓެރަރިޒަމާއި ދީނީ ހަރުކަށިކަން ފެތުރުން ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ. މިކަން ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައާއި ޑިޖިޓަލް ޓެކްނޮލޮޖީގެ ހާއްސަ ކުންފުނިތަކާއި ގުޅިގެން ރާއްޖެއިން މަސައްކަތްކުރަން ތައްޔާރުކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރުވެސް އަނިޔާއާއި ނަފުރަތަށް ހިތްވަރުދިނުން ހުއްޓުވުމަށް މަސައްކަތް ކުރާ ގައުމުތަކަށް ތައުރީފު ކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖެއިންވެސް އަނިޔާ އާއި ހައްދުފަހަނައަޅާ ދިއުމަށް މަގުފަހިވާ ޒާތުގެ ލިޔުންތައް ބޭނުން ނުކުރެވޭގޮތަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން ހައްދު ފަހަނައަޅާ ދިއުމާއި ޓެރަރިޒަމާއި ދެކޮޅަށް އެކަންކަން ހުއްޓުވުމަށް ކުރިން އެޅުއްވި އެއްވެސް ފިޔަވަޅަކަުން އެދެވޭ ނަތީޖާއެއް ނުފެންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ފިޔަވަޅުތަކަކީ އިޖުތިމާއީ އަދި ސިޔާސީ ކަންކަމުގެ ސަބަބުން ހައްދުފަހަނައަޅާ ދާންޖެހޭ ސަބަބބުތަކަށް ރިއާޔަތްކޮށް އަޅާފައިވާ ފިޔަވަޅުތަކެއް ނޫންކަން ރައީސް ފާހަގަކުރެއްވި އެވެ. ނަސްލީ ތަފާތުކުރުމާއި، އަނިޔާވެރިކަމާއި ނަފްރަތު އުފެދޭ ފަދަ ވާހަކަތައް ދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ހުރިހާ ސަރުކާރުތަކަށް ރައީސް ގޮވާލެއްވި އެވެ.
ރައީސް ވަނީ ވަގަށް ނަގައިގެންގޮސް މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދުގެ ރިލްވާންގެ މަރުގެ ހާދިސާއަށް އިޝާރާތްކުރައްވައި މި ކޮންފަރެންސްގައި ވާހަކަ ދައްކަވާފައެވެ. އެގޮތުން ހައްދުފަހަނައަޅާ ދިއުމާއި ހަރުކަށި ފިކުރުތައް ނުހުއްޓުވުމުން ކުރިމަތިވާ ނޭދެވޭ ކަންކަން ރާއްޖެއިން ވަރަށް ގާތުން ދެކެވަޑައިގެންފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިތުރު އެހެން އާއިލާއަކަށް އެފަދަ ހިތްދަތިކަމެއް ތަހައްމަލު ކުރަން ނުޖެހޭވަރަށް ކަންކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖެއިން ޓެރަރިޒަމް ނައްތާލުމަށް ކުރަމުން އަންނަ މަސައްކަތްތަކަށްވެސް މި ކޮންފަރެންސްގައި ރައީސް އަލިއަޅުވާލެއްވިއެވެ. އެގޮތުން މިހާރު ރާއްޖެއިން އަމަލު ކުރަމުން އަންނަ ޓެރަރިޒަމް މަނާ ކުރާ ގާނޫނު އިސްލާހު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ރައީސް ފާހަގަ ކުރެއްވިއެވެ. އަދި މި ގާނޫނަށް ގެންނަ ބަދަލުތަކުން ރާއްޖެއިން ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް އިތުރު ބާރެއްލިބިގެން ދާނެ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. މި ގާނޫނު ފާސް ވުމާއެކު ކޮންމެ މީހެއްގެވެސް އެންމެ އަސާސީ ހައްގުކަމަށްވާ މިނިވަންކަމުގެ ހައްގު ދެމެހެއްޓުމަށް ފަސޭހަވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ދީނީގޮތުން ހައްދުފަހަނައަޅާ ދިއުމަށް އެހީވެދޭ ފަދަ ލިޔުންތައް އޮންލައިންކޮށް ދައުރުވުން ހުއްޓުވުމަށް ސަރުކާރުތަކުން މަސައްކަތް ކުރުމަށް ''ކްރައިސްޓްޗަރޗް ކޯލް'' ގެ ނަމުގައި އެއްބަސްވުމެއްވަނީ އެކުލަވާލާފައެވެ. މި އެއްބަސްވުމަކީ މިއަހަރު ކުރީކޮޅު ކްރައިސްޓްޗަރޗްގައި ދިން ޓްރަރިޒަމް ހަމަލާއަށް ބިނާކޮށް ނަންދެވިފައިވާ އެއްބަސްވުމެކެވެ. މި އެއްބަސްވުން މި ކޮންފަރެންސްގައި އެކުލަވާއި އިރު ރައީސް ސޯލިހާއެކު ޖޯޑަންގެ ރަސްގެފާނާއި، ފްރާންސްގެ ރައީސާއި، ނިއުޒިލެންޑްގެ ބޮޑުވަޒީރާއި، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތެވެ.
ރައީސް ސޯލިހު މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންވީ އދ ގެ 74 ވަނަ އާންމު ޖަލްސާގައި ތަގުރީރު ކުރެއްވުމަށް އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.