އދ ގެ 74 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ރައީސުލް ޖުމްހުރިއްޔާ އިބްރހިމް މުހައްމަދު ސާލިހު މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ އެމެރިކާގެ ނިއު ޔޯކްގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މި ސަރުކާރުގެ ހާރިޖީ ސިޔާސަތު މައިގަނޑު ގޮތެއްގައި ބައްޓަންވެފައި ވަނީ ރާއްޖެއާއި އިންޑިއާ އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ އެހެން ގައުމުތަކާއި އެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މައްޗަށް ކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ މި މަހުގެ ކުރީކޮޅު ރާއްޖޭގައި ބޭއްވި ހަަތަރު ވަނަ އިންޑިއަން އޯޝަން ކޮންފަރެންސް (އައިއޯސީ) އަކީ ރާއްޖެއާ އިންޑިއާ އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ އިތުރު ގައުމުތަކުގެ މެދުގައި އޮތް އެކުވެރި ބަދަހި ގުޅުން ހާމަވެގެންދިޔަ ބައްދަލުވުމެއް ކަމަށެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ ވާހަކަފުޅުގައި މީގެ ކުރިން ދެ ގައުމުން އިގުތިސާދީ ގޮތުން އެއްބަސްވެފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި މީގެ ތެރެއިން ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށި ދެ ގައުމުގެ ބަދަހި ގުޅުމުގެ ފައިދާ ދިވެހިންނަށް ކުރަން ފަށާފައިވާކަން ފާހަގަކުރައްވާފައިވާ ކަމުގައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާވަނީ، ބައިނަލްއަގްވާމީ މައިދާނުގައި ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ "ކްލައިމެޓް އެކްޝަން ސަމިޓް" ގައި އިންޑިއާއިން އަދާކުރަމުން އަންނަ ދައުރު ފާހަގަކުރައްވައި، އެކަމަށް މަރުހަބާ ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާގެ ބޮޑުވަޒީރުވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ރާއްޖޭގެ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ފާހަގަކުރައްވައި، އަދި މި މަހުގެ ކުރީކޮޅު ރާއްޖޭގައި ބޭއްވި އައިއޯސީގެ ބައްދަލުވުމުގެ ކާމިޔާބީއަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ވިދާޅުވެފައި ކަމުގައި ރައީސް އޮފީހުން މައުލޫމާތުދެއެވެ.
ރައީސް އޮފީހުން ބުނީ މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާގެ ބޮޑުވަޒީރު ވަނީ ބައިނަލްއަގްވާމީ މައިދާނުގައި ދެގައުމުން ޝައުގުވެރިވާ ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައި އދ ގެ އާންމު މަޖިލީހަކީ މިކަން ކުރުމަށް ލިބޭ މުހިންމު ފުރުސަތެއްކަންވެސް ފާހަގަކުރައްވާފައި ކަމުގައެވެ.