ހައްޔަރުކޮށް، ޖިނާއީ އެތައް ދައުވާއެއް އުފުލުމުގެ ކުރިން ސީދާ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިންޒާރު ދިންކަމަށް ކުރީގެ ނައިބުރައީސް އަހްމަދު އަދީބު އަބްދުލްގަފޫރުގެ ގާނޫނީ ވަކީލު މޫސާ ސިރާޖް ވިދާޅުވެއްޖެއެވެ.
އަދީބުގެ ގާނޫނީ ވަކީލު ސިރާޖު ހައްޔަރުކުރެވިފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޖިނާއީ ކުށެއް ކުރި ކަމަށް ތުހުމަތުކުރެވޭ ގޮތަށް އަދީބާ ހަވާލާދީ ވާހަކަތަކެއް ފަތުރަމުންދާ ކަމުގެ ތުހުމަތުގައެވެ. އޭނާގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން ހަ ދުވަސް ޖަހާފައިވާ އިރު، އިއްޔެ ފުލުހުން ވަނީ އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓް ގ. ހުމަށީގެ ނުވަވަނަ ފްލޯ، ކޯޓު އަމުރެއްގެ ދަށުން ފާސްކޮށްފައެވެ.
ފުލުހުން އެ އެޕާޓްމަންޓް ބަލައި ފާސްކުރުމަށްފަހު ގެންގޮސްފައިވަނީ ހާޑް ޑްރައިވަކާއި ޕެން ޑްރައިވެއް އަދި ލިޔެކިޔުންތަކެކެވެ. އެ އެޕާޓްމަންޓް ފާސްކޮށްފައިވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހެކި ހޯދުމަށް ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
ސިރާޖު މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އޭނާ ހައްޔަރުކުރީ މުވައްކިލުގެ ބަސް އިއްވުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ހަދައިގެން ކަމަށެވެ. އަދި އޭނާ ހައްޔަރުކުރުމުގެ ކުރިން ސީދާ ރައީސް ޔާމީން އިންޒާރު ދެއްވި ކަމަށްވެސް ސިރާޖު ބުނެފައިވެއެވެ.
"އަޅުގަނޑު ހައްޔަރުކޮށް، ޖިނާއީ އެތައް ކުށެއްގެ ތުހުމަތުކޮށް، ދޫނިދޫގައި ބަންދުކުރެވިފައި މިވަނީ އަޅުގަނޑުގެ މުވައްކިލުގެ ބަސް އިއްވުމަކީ ޖިނާއީ ކުށަކަށް ހަދައިގެން. އަޅުގަނޑު ހައްޔަރުކުރުމުގެ ކުރިން ސީދާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ އަޅުގަނޑަށް އިންޒާރު ދީފައި. އޭގެ ފަހުން ހައްޔަރުކުރެވެމަކީ، ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމް އޮތީ ސީދާ ރައީސްގެ ނުފޫޒުގައި ކަން ދައްކައިދޭ ސާބިތު ހެއްކެއް،" ސިރާޖުގެ ބަޔާނުގައިވެއެވެ.
ސިރާޖުގެ ބަޔާނުގައި ވަނީ ރާއްޖޭގެ ޝަރުއީ ނިޒާމުގެ ހާލަތު ގާނޫނީ ވަކީލުންނަށް އެނގިލައްވާނެ ކަމަށާއި، ރިޝްވަތުގެ ހުތުރު އަމަލުގައި ފަނޑިޔާރުން ޖެހިފައިވާ މިންވަރު ވަރަށް ގިނަ ވަކީލުންނަށް ތަޖުރިބާކުރެވިފައިވާނެ ކަމަށެވެ. އޭގެ އިތުރުންވެސް ސަރުކާރުގެ ސިޔާސީ ނުފޫޒުގެ ދަލުގައި ފަނޑިޔާރުން ތާށިވެފައި އޮތްކަންވެސް ދިވެހިރާއްޖޭގެ ރައްޔިތުންނަށް މިހާރު ސާފުވާނެ ކަމަށްވެސް ސިރާޖުގެ ބަޔާނުގައިވެއެވެ.
ސިރާޖުގެ ބަޔާނުގައި އޭނާގެ އާއިލާއާއި ލާމު އަތޮޅުގެ ރައްޔިތުންނަށް ހާއްސަ އިލްތިމާސެއް ކޮށްފައިވެއެވެ.
"އަޅުގަނޑުގެ މައްޗަށް ކޮށްފައިވާ ގިނަ ތުހުމަތުތަކަށް ބަލާ އިރު، މި ސަރުކާރު ދެމި އޮވެއްޖެނަމަ އެހެން ވަރަށް ގިނަ ބޭފުޅުންނެކޭ އެއްފަދައިން އަޅުގަނޑުވެސް ދިގު މުއްދަތަކަށް އޮންނަން ޖެހޭނީ ޖަލުގެ ތޭރިތަކުގެ ފަހަތުގައި. އެޅުގަނޑުގެ ސަލާމަތަށްޓަކައި މިވަގުތު ކޮށްދެވޭނެ އެންމެ މުހިއްމު ކަމަކީ މާދަމާ އޮންނަ ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެނޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހުއަށް ވޯޓު ދެއްވުން. އެއީ އަޅުގަނޑުގެ އާއިލާގެ ހުރިހާ ބޭފުޅުންނާއި ލ. އަތޮޅުގެ ހުރިހާ ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދޭ އެދުމެއް،" ލ. އަތޮޅަށް ނިސްބަތްވާ ގާނޫނީ ވަކީލު ސިރާޖު، އޭނާގެ ބަޔާނުގައި ބުނެފައިވެއެވެ.
ސިރާޖު އިތުރަށް ބުނެފައި ވަނީ އޭނާގެ ސާބިތުކަމަށް ބަދަލެއް ނާންނާނެ ކަމަށާއި، އެއްވެސް ޖެހިލުމެއް ނެތި މަސައްކަތުގައި ދެމި ހުންނާނެ ކަމަށެވެ. އަދި މިސަރުކާރު އޮވެގެން އަދުލުއިންސާފުގެ ދާއިރާ އިސްލާހުނުކުރެވޭނެކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ކަމަށާއި، މާދަމާ ލިބޭ ފުރުސަތުގައި ޖުޑިޝަރީ އިސްލާހުކުރުމަށް މަގެއް ހޯދުމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ވޯޓު ދިނުމަށްވެސް ސިރާޖު ވަނީ އެދިވަޑައިގެންފައެވެ.