ޚަބަރު

ނުރައްކާތެރި ކެމިކަލާ ބެހޭ ގަވާއިދަށް އަމަލު ކުރަން ފަށައިފި، ހިލާފުވެއްޖެނަމަ ހުއްދަ ބާތިލު ކުރެވޭނެ

ފަތޯނާ ފާއިޒު

ރާއްޖެއަށް އެތެރެކުރާ ނުރައްކާތެރި ކެމިކަލް ގެންގުޅުމުގައި ގަވާއިދާ ހިލާފުވެއްޖެނަމަ ވަކި މުއްދަތެއް ނެތް ގޮތަށް އެފަދަ ފަރާތެއްގެ ހުއްދަ ހިފެހެއްޓޭނެ ކަމަށް ކަނޑައަޅައި، ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދެއް ފުރަތަމަ ފަހަރަށް އެކުލަވާލައި ގެޒެޓުގައި ޝާއިއުކޮށްފިއެވެ.

ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް މިއަދު އަމަލުކުރަން ފެށި އެ ގަވާއިދުގެ މަގްސަދުތަކުގެ ތެރޭގައި، ނުރައްކާތެރި ކެމިކަލްއަކީ ކޮބައިކަން ކަނޑައެޅުމާއި އެފަދަ ކެމިކަލް ރާއްޖެއަށް އެތެރެ ކުރާ ފަރާތްތަކުން އަމަލު ކުރަންޖެހޭ އުސޫލުތައް ކަނޑައަޅައި ބަޔާން ކުރުން ހިމެނެއެވެ.

އެފަދަ ގަވައިދެއް ގެޒެޓުކޮށްފައިވަނީ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން މީހެއްގެ ފުރާނަ ގެއްލި، ހަތަރު ގުދަނަކާއި ހަތް ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެންނެވެ.

އެ ހާދިސާއާ ގުޅިގެން މާލޭގައި ކެމިކަލް ގުދަންތައް ބެހެއްޓުން މަނާކޮށްފައިވާއިރު، އެ ގުދަންތައް ތިލަފުއްޓަށް ބަދަލު ކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ.

ޑިފެންސް މިނިސްޓްރީން ތަންފީޒު ކުރާ ގޮތަށް ހަދާފައިވާ "ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދު"ގައި ބުނެފައިވާ ގޮތުން، ކެމިކަލްއެއް އެތެރެ ކުރެވޭނީ، މީގެ ކުރިންވެސް އޮންނަ ގޮތަށް ޑިފެންސް މިނިސްޓްރީން އެކަމަށް އެދި ހުއްދަ ނަގައިގެންނެވެ. ހުއްދައަށް އެދި ހުށަހެޅޭނީ އެކަމާ ގުޅޭ ފޯމެއް ފުރައިގެންނެވެ.

ކެމިކަލް އެތެރެ ކުރުމުގެ ހުއްދަ ދެވޭނެ ޝަރުތުތަކުގެ ތެރޭގައި

* ކެމިކަލް އެތެރެެ ކުރާ ސަބަބު ސާފުކޮށް ބަޔާން ކުރުން

* ކެމިކަލް ގުދަންކޮށްފައި ބަހައްޓާ ތަނަށް ލިބިދާނެ ގެއްލުމަކަށް ޒިންމާވާނެ ގޮތަށް ކޮންމްޕްރެހެންސިވް އިންޝުއަރެންސް ޕޮލިސީއަކުން އިންޝުއާ ކޮށްފައިހުރުން.

* ކެމިކަލް އެތެރެ ކުރަނީ ވިއްކަން ކަމުގައިވާނަމަ، އެ ކެމިކަލެއް ރައްކާތެރިކަމާއެކު ގެންގުޅެ، ބޭނުން ކުރާނެ ގޮތް، އެ ގަންނަ ފަރާތަކަށް ދެވޭނެ އިންތިޒާމް ހަމަޖެހިފައި އޮތުން.

* ކެމިކަލް ގަނެ، އެތެރެ ކުރާ ފަރާތަކީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި، މުދާ އެތެރެ ކުރާ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީވެފައި އޮތުން.

ކެމިކަލް އެތެރެ ކުރުމުގެ ގަވައިދުގައިވާ ގޮތުން، އެ އެތެރެ ކުރެވޭނީ ކެމިކަލްގެ ބާވަތާއި، ނުރައްކާތެރި ކަމަށް ބެލުމަށްފަހުގައި، ޑިފެންސް މިނިސްޓްރީން ހުއްދަދޭ މިންވަރަކަށެވެ. އަދި ކެމިކަލް އެތެރެ ކުރާ ފަރާތުން ރެކޯޑު ބެލެހެއްޓުމަށް ވެސް ގަވައިދުގައިވަނީ މަޖުބޫރު ކޮށްފައެވެ.

އަދި ޑިފެންސް މިނިސްޓްރީން ބޭނުންވެއްޖެނަމަ، ކެމިކަލް ރައްކާކޮށްފައި ހުންނަ ތަންތަން އިންސްޕެކްޓް ކުރުމުގެ އިހްތިޔާރު ވެސް ގަވާއިދުން ދީފައިވެއެވެ.

ނުރައްކާތެރި ކެމިކަލްއާ ބެހޭ ގަވާއިދުގައި ބުނެފައިވާ ގޮތުން، ކެމިކަލް ގުދަން ހުންނަން ޖެހޭނީ މީހުން ދިރުއުޅޭ ތަންތަނާ ވަކިންނެވެ. އަދި އެފަދަ ތަނެއް ތިން ފަންގިފިލާއަށްވުރެ އުސްކޮށް ނުހެދޭނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އެފަދަ ގުދަނެއްގެ ދޮރުތަކަކީ ފަޔާ ރެސިސްޓެންޓް ދޮރުތަކަށް ވާންޖެހެއެވެ. އެ ގަވާއިދުގެ ދަށުން، އެ ގުދަނެއްގައި ސްޓޯ ކުރުން ހުއްދަ ދީފައިވާ އެއްޗެއް ފިޔަވައި، އެހެން ތަކެތި ބެހެއްޓުމަކީ މަނާ ކަމެކެވެ.

މި އުސޫލުތަކާ ހިލާފަށް އަމަލުކުރާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައް ވެސް، އެ ގަވާއިދުގައި ވަނީ ބަޔާން ކޮށްފައެވެ. އެގޮތުން ކެމިކަލް އެތެރެ ކުރާ ފަރާތުން، ގަވާއިދުގައި ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް ލޭބަލް ހަރު ނުކުރާނަމަ، 5،000 ރުފިޔާ އާއި 20،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

އަދި ގަވައިދުގައި ބަޔާން ކުރާ އެއްވެސް ކަމަކާ ހިލާފުވެއްޖެނަމަ، ބައިލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.