އަލިފާނުގެ ހާދިސާ

ރޯވި ސަރަހައްދުގެ ވައިގެ ތެރޭގައި ވިހަ މާއްދާ ހުރީ ނުރައްކާވާ މިންވަރަކަށް ނޫން: އީޕީއޭ

މިދިޔަ ހުކުރު ދުވަހުގެރޭ ހ. އަބަދަށްފެހި މަގުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، މިހާރު އެ ސަރަހައްދުގެ ވައިގެ ތެރޭގައި ވިހަ މާއްދާތައް ހުރީ ނުރައްކާވާ މިންވަރަށް ނޫން ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

ކެމިކަލު ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ސަރަހައްދުގެ ވައިގެ ތެރޭގައި ކެމިކަލްގެ އަސަރު ހުރި މިންވަރު ބެލުމަށް އީޕީއޭ އިން ވަނީ ދިރާސާއެއްކޮށްފައެވެ.

އެ ދިރާސާއަށް ފަހު އީޕީއޭއިން މިއަދު ބުނީ، ޓެސްޓު ކުރި ތިން ބާވަތުގެ ޕާޓިކަލްއަކީ ކާބަން މޮނޮކްސައިޑް، ނައިޓްރޮޖަންޑައި އޮކްސައިޑުގެ އިތުރުން ސަލްފަޑައި އޮކްސައިޑު ކަމަށެވެ. އެގޮތުން ކާބަން މޮނޮކްސައިޑް 0.242 ގައި ހުރި އިރު، ނައިޓްރޮޖަންޑައި އޮކްސައިޑް 0.074 ގައި، އަދި ސަލްފަޑައި އޮކްސައިޑް ހުރީ 0 ގައެވެ.

އީޕީއޭ އިން ބުނިގޮތުގައި އެ ހުރިހާ މާއްދާއެއް ވެސް ހުރީ ހުންނަން ޖެހޭ މިންވަރަށެވެ.

އޭގެ އިތުރުން ދިރާސާއަށް ފަހު އީޕީއޭއިން ވަނީ ބޭނުމެއްނެތި އެ ސަރަހައްދަށް އެއްވެސް މީހަކު ނުދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި އެ ސަރަހައްދުގައި މަސައްކަތް ކުރާ ފުލުހުންނާއި ސިފައިން އަދި އެހެނިހެން ކަމާ ބެހޭ ފަރާތްތަކުން ވެސް ހުރިހާ ވަގުތެއްގައި ސޭފްޓީ މާސްކު އަޅައި، ރައްކާތެރި ފިޔަވަޅު އަޅައިގެން ތިބުމަށް އީޕީއޭ އިން ވަނީ ލަފާ ދީފައެވެ.