ޝަހީދާ އަބްދުﷲ ސައީދު
އދ. އޮމަދޫން ގޯތި ދޫކުރުމާ މެދު ސަރުކާރުގެ ރަސްމީ ބަހެއް ހޯދުމަށް ރައްޔިތުންގެ ތެރެއިން ބަޔަކު ރަށު ކައުންސިލް އިދާރާއަށް މިއަދު އަނެއްކާވެސް ހިނގައްޖެއެވެ.
''ވަން'' އަށް މައުލޫމާތު ދެއްވަމުން އޮމަދޫ ކައުންސިލުގެ ރައީސް އަދުނާނު އަބްދުﷲ މިއަދު ވިދާޅުވީ، ގޯތި ދޫކުރުން މަޑުޖައްސާލުމަށްފަހު އެކަމުގައި ފަހުން އަމަލުކުރާނެ ގޮތެއް ޕްލޭނިން މިނިސްޓްރީން އަންގާނެ ކަމަށް ކުރިން ބުނެފައިވާކަމަށެވެ.
އެހެންކަމުން މިނިސްޓްރީގެ ޖަވާބަކީ ކޮބައިތޯ ބަލަން މިއަދުވެސް ރައްޔިތުންގެ ތެރެއިން ބަޔަކު ކައުންސިލް އިދާރާއަށް ދިޔަ ކަމަށް ވިދާޅުވިއެވެ. އަދުނާނު ވިދާޅުވި ގޮތުގައި އަލުން ގޯތި ދޫކުރުމާ މެދު އިއްޔެ ވަކި ޖަވާބެއް ދޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ. ނަމަވެސް އަދި ވަކި ޖަވާބެއް ދީފައި ނުވާކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިއްޔެ ވެސް ރައްޔިތުންގެ ތެރެއިން ބަޔަކު ކައުންސިލް އިދާރާއަށް ހާޒިރުވެ ނުރުހުން ފާޅުކުރި ކަމަށާއި ނަސޭހަތްތެރިވުމުން އަނެއްކާ މިއަދުވެސް އައިސް ނުރުހުންފާޅުކުރި ކަމަށެވެ. އަދި އެރަށުން އަލުން ގޯތި ދޫކުރުމާ ގުޅޭގޮތުން މާދަމާ ވަކި ޖަވާބެއް ދޭނެ ކަމަށް މިނިސްޓްރީން މިއަދު އެންގި ކަމަށްވެސް އަދުނާނު ވިދާޅުވިއެވެ.
ގޯތި ދޫކުރުން މަޑުޖައްސައިލުމަށް ޕްލޭނިން މިނިސްޓްރީން އެންގީ އެމިނިސްޓްރީގެ ހުއްދައާއެކު އޮމަދޫން 130 ގޯތި ދޫކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް، އެކަމާ ދެކޮޅަށް އެރަށަށް ނިސްބަތްވާ ބަޔަކު ކަމާބެހޭ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުންނެވެ.
އަދުނާނު ވިދާޅުވީ، ހައުސިން މިނިސްޓްރީއާއި ޕްލޭނިން މިނިސްޓްރީގެ އިތުރުން އެލްޖީއޭގެ ޓީމެއް ވަރަށް އަވަހަށް އޮމަދުއަށް ޒިޔާރަތްކޮށް، ގޯތި ދޫކުރުމާ ގުޅިގެން ދިމާވެފައިވާ މައްސަލަ އަދުލުވެރި ގޮތެއްގައި ބެލުމަށްފަހު ގޮތް ނިންމާނެކަން މިމަހުގެ 18 ވަނަ ދުވަހު ޕްލޭނިން މިނިސްޓްރީން ލިޔުމުން އަންގާފައިވާކަމަށެވެ. ނަމަވެސް ކަމާބެހޭ ފަރާތްތަކުން ރަށަށް ވަޑައިގަންނަވާނެ ވަކި ދުވަހެއް އަންގާފައި ނުވާކަމަށް ވިދާޅުވިއެވެ.
އަދުނާނު ވިދާޅުވި ގޮތުގައި 1150 މީހުންގެ އާބާދީއެއް އޮންނަ އެރަށުން ގޯތި ދޫނުކުރާތާ 20 އަހަރު ވެއްޖެއެވެ.
130 ގޯތި ދޫކުރުމަށް ޕްލޭނިން މިނިސްޓްރީން ހުއްދަ ދިނުމާއެކު ފުރަތަމަ ފިޔަވަހީގެ ދަށުން އެރަށުން 50 ގޯތި ދޫކޮށްފައިވެއެވެ. އަދި އެގޯތިތަކުގައި ހުރި ރުއްގަހަށް ބަދަލު ދިނުމާއި އިންފާރު ރޭނުމާއި ގޯތި ރަޖިސްޓްރީ ކުރުމުގެ މަސައްކަތްވެސް ކޮށްފައިވާކަމަށް އަދުނާނު ވިދާޅުވިއެވެ.