ޚަބަރު

ޕީސީބީގެ ބޯޑަށް ފަސް މެންބަރުން އައްޔަން ކުރައްވައި، ރައީސަކަށް ހަސަން ވަހީދު ހަމަޖައްސަވައިފި

އިބްރާހިމް ޒަކީ

1

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަލަށް ފަސް މެމްބަރުން އައްޔަނު ކުރައްވައި، އެ ބޯޑުގެ ރައީސްގެ މަގާމަށް ހަސަން ވަހީދު ހަމަޖައްސަވައިފި އެވެ.

އެ ބޯޑަށް އަލަށް ފޮނުއްވާފައިވާ ފަސް މެންބަރުންނަކީ، އެ ބޯޑުގެ ނާއިބު ރައީސްކަމަށް ހަމަޖެއްސެވި އާސިމް މުހައްމަދުގެ އިތުރުން އައިޝަތު ޝާޒްލީ އާއި އަލީ ޝަފީއު އާއި ރުޝަހާ އަހުމަދު ޝަރީފް އެވެ. ދެން އެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އަލީ ޝުޖާއު އަކީ ކުރިންވެސް ބޯޑުގައި ހިމެނިވަޑައިގެންނެވި މެންބަރެކެވެ.

ޕީސީބީގެ ބޯޑަކީ ހަތްމެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. އެހެންކަމުން މިބޯޑަށް އަދި އިތުރު މެންބަރަކު އައްޔަންކުރަން ޖެހެއެވެ. އަދި އެ ބޯޑަށް އައްޔަން ކުރެއްވި މެންބަރުންނަށް ރުހުން ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހަށްވެސް ފޮނުވަން ޖެހެއެވެ.

ރައީސުލް ޖުމްހޫރިއްޔާ އެ ބޯޑަށް އާ މެންބަރުންތަކެއް އައްޔަން ކުރައްވައި ރައީސަކު ހަމަޖައްސަވާފައި މިވަނީ، އެ ބޯޑުގެ ރައީސްގެ ގޮތުގައި ކުރިން ހުންނެވި މުހައްމަދު ނިޒާރު އިސްތިއުފާ ދެއްވުމާއި، އެ ބޯޑުގައި ތިއްބެވި މެންބަރުން ވަކިކޮށް އެ ބޯޑަށް އަލުން މެންބަރުން އައްޔަންކުރައްވައި މަޖިލީހުގެ ރުހުން ހޯއްދަވަން ފޮނުއްވެެވުމަށް ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އަށް ދަންނަވަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.

ހަތްމެންބަރުންގެ މައްޗަށް އެކުލެވޭ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އަށް ކުރީ ސަރުކާރުން އައްޔަން ކޮށްފައިވަނީ ފަސް މެންބަރުންނެވެ.

އެ މެންބަރުންގެ ތެރޭގައި ހިމެނެނީ، ބޯޑުގެ އޭރުގެ ރައީސް މުހައްމަދު ނިޒާރު އާއި އަލީ ވާސިފް އާއި އަޝްރަފު އަލީ އާއި ހުސެއިން އަލީ ހަބީބުގެ އިތުރުން މިހާރުވެސް އެ ބޮޑުގައި އިންނެވި އަލީ ސުޖާއު އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އަކީ ޕްރައިވަޓައިޒޭޝަން، ކޯޕަރޭޝަން، މޮނިޓަރިންގ އެންޑް އިވެލުއޭޝަން އޮފް ގަވަމަންޓް ބިސްނަސް ގެ ގާނޫނުގެ އަށުން އުފައްދާފައިވާ ބޯޑެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟