ހައިކޯޓު

ޑިންގީ ބަންޑުން ޖަހާލައި ޝިމާ ގެއްލުނު މައްސަލައިގައި ފަޒީލް ބަންދުކުރަން ނެރުނު އަމުރު ބާތިލްކޮށްފި

ލ. ކައްދޫން އެ އަތޮޅު މާމެންދުއަށް ދަތުރު ކުރި ޑިންގީއެއް ބަންޑުން ޖަހާލައި ގެއްލުނު ކަމަށް ބުނާ، 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒު ގެއްލުނު މައްސަލައިގައި ތުހުމަތު ކުރެވޭ އިބްރާހީމް ފަޒީލު ހައްޔަރު ކުރަން ހުޅުމާލެ ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލުކޮށްފިއެވެ.

މިއަހަރުގެ މެއި މަހުގެ ތެރޭގައި ފަޒީލް ހައްޔަރުކުރީ، ލ. ގަމުގައި މީހަކު ރަހީނުކޮށްގެން ފޭރުމުގެ އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތުގަ އެވެ. ފަޒީލަށް ތުހުމަތު ކުރީ މީހަކަށް ކަތިވަޅިން ބިރު ދައްކައި، ކަނު ބަނދެ، އަތް އެއްސުމަށް ފަހު، ވަލު ތެރެއަށް ގެންގޮސް، އެ މީހާ އަންދާލާނެ ކަމުގެ ބިރު ދައްކައިގެން އެއް ލައްކައަށް ވުރެ ގިނަ ރުފިޔާ ދިނުމަށް އެ މީހާއަށް މަޖުބޫރުކުރި މައްސަލައެއްގަ އެވެ.

އެ މައްސައާ ގުޅިގެން ގަމު މެޖިސްޓްރޭޓް ކޯޓުން ފަޒީލް ހައްޔަރު ކުރުމުގެ އަމުރު ނެރުނު ނަމަވެސް ފިލައިގެން އުޅުމުގެ ސަބަބުން ފުލުހުންނަށް އޭނާ ހޯދުނީ ހުޅުމާލެއިންނެވެ. އެހެންކަމުން އޭނާ ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖެހީ ހުޅުމާލެ ކޯޓުންނެވެ.

އެ މައްސަލައިގައި ހުޅުމާލެ ކޯޓުން މުއްދަތުޖެހި މައްސަލަ ހައިކޯޓުން ބާތިލު ކުރީ، ގަމު މެޖިސްޓްރޭޓް ކޯޓުގެ އަމުރަށް ހުޅުމާލެއިން އޭނާ ހައްޔަރު ކުރިނަމަވެސް އޭނާއަށް މުއްދަތު ޖަހަން ގެންދަންޖެހޭނީ، ކުރިމިނަލްކޯޓަށް ކަމަށްވާތީއެވެ. މިގޮތަށް ހައިކޯޓުުން އަމުރު ނެރުނީ ފަޒީލް ބަންދުކޮށް މުއްދަތު ޖެހި މައްސަލަ އޭނާ ހައިކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ.

މި މައްސަލަ ބެލުމަށްފަހު ހައިކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ މާލޭ ސަރަހައްދުން ހައްޔަރު ކުރެވޭ މީހުން ބަންދުގެ މުއްދަތު ޖަހަން ގެންދަން ޖެހޭނީ ކްރިމިނަލް ކޯޓަށް ކަމަށް ޖުލައި 7، 2016 ގައި ސުޕްރީމް ކޯޓުން ނެރުނު ސާކިއުލާއެއްގައި ކަނޑައަޅާފައިވާ ކަމަށެވެ. އަދި ފަޒީލް ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކުރުމާއި ހަމައަށް ވެސް އެ ނިންމުމަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް ހައިކޯޓުން ބުނެ އެވެ.

ހައިކޯޓުން ބުނިގޮތުގައި ފަޒީލްގެ ބަންދުގެ މުއްދަތު ހުޅުމާލެ މެޖިސްޓްރޭޓު ކޯޓުން ޖަހާފައި ވަނީ ބަންދު އަޑުއެހުންތައް ބޭއްވުމުގެ އިހްތިސާސް ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓަށް ލިބިގެން ނުވާ ދުވަސްވަރެއްގައެވެ. އެހެންކަމުން ހުޅުމާލޭ ކޯޓުން ފަޒީލް ބަންދު ކުރަން ނެރުނު އަމުރަކީ ބާތިލު އަމުރެއް ކަމަށް ކަނޑައަޅާކަަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލާގައި ފަޒީލްގެ ބަންދާ ގުޅޭ ގޮތުން ކުރި އަމުރު ހައިކޯޓުން ބާތިލު ކުރިއިރު ފުލުހުން ވަނީ މި މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް މައްސަލަ ފޮނުވައިފަ އެވެ.