ކައުންޓަރ ޓެރަރިޒަމް އަދި ރާއްޖޭގެ ޑިމޮކްރަސީ ވަރުގަދަ ކުރުމާ ގުޅޭ ގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އަންޑަރ ސެކްރެޓަރީ އޮފް ސްޓޭޓް ޑޭވިޑް ހޭލް އާއެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަޝްވަރާ ކުރައްވައިފި އެވެ.
އެމެރިކާގެ ނިއުޔޯކްގައި މިހާރު ކުރިއަށްދާ 74 ވަނަ ޔޫއެން ޖެނެރަލް އެސެމްބްލީގެ ހަވާސާގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ދެ ބޭފުޅުންވެސް އިންޑިއާ ކަނޑުގެ ސަލާމަތާއި ސުލްހައިގެ މުހިއްމުކަމުގެ އިތުރުން ދެ ގައުމު ގުޅިގެން އެކުގައި މަސައްކަތް ކުރެއްވުމަށް މަޝްވަރާ ކުރެއްވިއެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީ ވަރުގަދަ ކުރުމާއި، އިގުތިސާދު ތަރައްގީ ކުރުމުގެ އިތުރުން ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރުމުގައި އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށް ވެސް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.
މިނިސްޓަރު ޝާހިދު ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެމެރިކާގެ ހާރިޖިއްޔާގެ އިސްބޭފުޅުންނާ ބައްދަލު ކުރައްވާފައެވެ. އަދި ފާއިތުވި ހަތް އަހަރުތެރޭ ފުރަތަމަ ފަހަރަށް އެމެރިކާގެ ހާރިޖީ ވަޒީރެއްގެ ދައުވަތަކަށް ދިވެހި ހާރިޖީ ވަޒީރަކު ކުރެއްވި ދަތުރުފުޅުގައި އެމެރިކާއަށް ވަޑައިގެން، އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯއާއި މިނިސްޓަރު ޝާހިދު ބައްދަލު ކުރައްވާފައި ވެއެވެ.
މިނިސްޓަރ ޝާހިދު އެމެރިކާގެ ނިއުޔޯކަށް ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުގައި، ރައީސް ޔޫއެންގައި ތަގުރީރު ކުރެއްވުމަށް ވަޑައިގެންނެވި ދަތުރުފުޅުގައެވެ.