އިނގިރޭސި ޕްރިމިއާ ލީގު

ޗެލްސީ ބަލިކޮށް ލިވަޕޫލުން ރެކޯޑު ދެމެހެއްޓި އިރު، ސިޓީން ވެޓްފޯޑް ކޮޅަށް އަށް ލަނޑު ޖަހައިފި

އަލީ ރިފްޝާން

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ ބަލިކޮށް ލިވަޕޫލުން ރެކޯޑު ދެމެހެއްޓި އިރު، މެންޗެސްޓާ ސިޓީން ވެޓްފޯޑް ކޮޅަށް އަށް ލަނޑު ޖަހައިފިއެވެ.

ރަށުން ބޭރުގައި މިރޭ ކުޅުނު މެޗުގައި ޗެލްސީ އަތުން ލިވަޕޫލް މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ. މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގާއެކު އެންމެ ފަހުން ލިވަޕޫލް ކުޅުނު 22 ލީގު މެޗުން އެޓީމު ބަލިވެފައެއް ނުވެއެވެ. ފާއިތުވެދިޔަ 44 ލީގުގެ މެޗުގެ ތެރެއިން ލިވަޕޫލް ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ.

މިރޭ ކުޅުނު ލީގު މެޗުގެ ފުރަތަމަ 15 މިނެޓުގެ ތެރޭގައި ލިވަޕޫލުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. މެޗުގެ 14 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން މުހައްމަދު ސަލާހު ޖައްސާލި ބޯޅައަކުން ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ޓްރެންޓް އެލެކްސެންޑާ އާނޯލްޑެވެ.

މެޗުގެ 27 ވަނަ މިނެޓުގައި ޗެލްސީން ލަނޑެއް ޖެހި ނަމަވެސް، މޭސަން މައުންޓް އޮފްސައިޑުގައި ހުރެ ހަރަކާތްތެރިވި ކަމަށް ބަލައި ވީއޭއާރް ބެލުމަށްފަހު އެއީ ގޯލެއް ނޫން ކަމަށް ރެފްރީ ވަނީ ނިންމައިފައެވެ.

ލިވަޕޫލުން ވަނީ މެޗުގެ 30 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އެންޑްރޫ ރޮބާޓްސަން ނަގައިދިން ހުރަހަކުން ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވަޑް ރޮބާޓޯ ފާމީނޯއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޗެލްސީގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ސެޒާ އަޒްޕިލިކުއެޓާ ނަގައިދިން ހުރަހަކުން ޗެލްސީގެ ޒުވާން ފޯވަޑް ޓެމީ އަބްރަހަމް ބޮލުން ފޮނުވާލި ހަމަލާ، ލިވަޕޫލުގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ތިން މިނެޓު ތެރޭ ލިވަޕޫލަށް އިތުރަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ކޯނަރެއްގެ ތެރެއިން ޗެލްސީގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރި، ލިވަޕޫލްގެ ފޯވަޑް ފާމީނޯއަށް ލިބުނު ފުރުސަތުން އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ޗެލްސީގެ ކީޕަރު ކެޕާ އަރިޒަބަލާގައެވެ.

މެޗުގެ 71 ވަނަ މިނެޓުގައި ޗެލްސީން ވަނީ ލަނޑެއް ޖަހައި އުންމީދު އާކޮށްފައެވެ. ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކަންޓޭއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ފަބީނިއޯ ކައިރިން ނައްޓާލުމަށްފަހު ލިވަޕޫލުގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުންނެވެ.

މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް، ޗެލްސީއަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ހިލޭ ޖެހުމަކުން މައުންޓް ދިން ބޯޅައަކުން މާކޯސް އަލޮންސޯ ފޮނުވާލި ހަމަލާ، ލިވަޕޫލުގެ ސްޕެއިން ކީޕަރު އެޑްރިއަން ވަނީ މަތަކޮށްފައެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީން ވަނީ ވެޓްފޯޑް އަތުން ފަސޭހަކަމާއެކު މޮޅުވެފައެވެ. އެ މެޗުން ސިޓީ މޮޅުވީ 8-0ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ 20 މިނެޓުގެ ތެރޭގައި ސިޓީން ވަނީ ފަސް ލަނޑުގެ ލީޑެއް ހޯދައިފައެވެ. އެ ލަނޑުތައް ސިޓީއަށް ކާމިޔާބުކޮށްދިނީ ޑޭވިޑް ސިލްވާ އާއި ސާޖިއޯ އަގުއެރޯ އާއި ރިޔާދް މަހްރޭޒާއި ބެނާޑޯ ސިލްވާ އަދި ނިކޮލަސް އޮޓަމެންޑީއެވެ. މެޗުގެ ފުރަތަމަ ހާފު ސިޓީން ނިންމާލީ 5-0ގެ ނަތީޖާއަކުން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ބެނާޑޯ ސިލްވާ ވަނީ ދެ ލަނޑު ޖަހައި، އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. ބެނާޑޯ ސިލްވާގެ ދެވަނަ ލަނޑު މެޗުގެ 48 ވަނަ މިނެޓުގައި ފެނިގެންދިޔަ އިރު، އޭނާ ކާމިޔާބުކުރި ތިންވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 60 ވަނަ މިނެޓުގައެވެ. އަދި މެޗުގައި ސިޓީން ކާމިޔާބުކުރި އަށްވަނަ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. ސިޓީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކެވިން ޑި ބްރޭނާއެވެ.

ޕްރިމިއާ ލީގު ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އަދިވެސް އޮތީ ލިވަޕޫލެވެ. ލިވަޕޫލަށް ކުޅުނު ހަ މެޗުން 18 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ސިޓީއަށް ހަ މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ލެސްޓާ ސިޓީ އާއި ހަތަރުވަނައިގައި އޮތް އާސެނަލް އަދި ފަސްވަނައިގައި އޮތް ވެސްޓް ހާމް ޔުނައިޓެޑަށް، އެއިން ކޮންމެ ޓީމަކަށް ވެސް ހަ މެޗުން ލިބިފައިވަނީ 11 ޕޮއިންޓެވެ. ލެސްޓާ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. މިރޭ ލިވަޕޫލް އަތުން ބަލިވި ޗެލްސީ އޮތީ ހަ މެޗުން ލިބުނު އަށް ޕޮއިންޓާއެކު ތާވަލުގެ 11 ވަނައިގައެވެ.