ޝަހީދާ އަބްދުﷲ ސައީދު
މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ޓީޗަރަކާއި އޭނާގެ އާއިލާ، ޓީޗަރުންގެ ފުލެޓް، އެދުރުވެހީގެ އެޕާޓްމަންޓަކަށް ބަދަލުކޮށްފިއެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ރާއްޖެޓީވީން ކުރިއަށް ގެންދާ ލައިވް ކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭން ކަނޑައެޅި ކަލާފާން ސްކޫލަށް ކުރި ޒިޔާރަތުގައި އެތަނުން ހާދިސާގައި ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ޓީޗަރަކާ ބައްދަލުވި ކަމަށެވެ.
އަދި އޭނާގެ ހާލަތު ބެލުމަށްފަހު، އެ އާއިލާގެ މެންބަރުން އެދުރުވެއްސަށް މިހާރު ބަދަލުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެކަމަނާ އިތުރަށް ވިދާޅުވީ، ހާލުގައި ޖެހުނު އާއިލާތަކުގައި ތިބި ކިޔަވާ ކުދިންގެ ހާލު އެޑިއުކޭޝަން މިނިސްޓްރީން ވަރަށް ގާތުން ދަނީ ބަލަމުންނެވެ. އަދި އެ ކުދިންނަށް ބޭނުންވާ ހުރިހާ ކަމެއް މިނިސްޓްރީގެ ބެލުމުގެ ދަށުން ކޮށްދެމުންދާއިރު، އެކުދިންނަށް ބޭނުންވާ ޔުނިފޯމާއި ބޫޓް އަދި ފޮތް ފަދަ ތަކެތި ވެސް މިނިސްޓްރީން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.
އަދި ވިދާޅުވީ، ހާލުގައި ޖެހިފައިވާ އާއިލާތަކުގައި މިއަހަރު އޯލެވެލް އިމްތިހާން ހަދާ އެއް ކުއްޖަކާއި އޭލެވެލް ހަދާ ދެ ކުއްޖަކު ހުރިކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، އެކުދިންނަށް ބޭނުންވާ ޕާސްޓް ޕޭޕަރުތައް ހެޔޮއެދޭ ފަރާތަކުން ހަދިޔާކޮށްފައިވާ ކަމަށެވެ.