ހަ މަހުގެ ދަރިފުޅު ގޮވައިގެން ކުއްޖާގެ ބައްޕަ ފިލާފައިވާ ކަމަށް ބުނެ ކުއްޖާ ހޯދައިދޭން ކުއްޖާގެ މަންމަ އެދިއްޖެއެވެ.
''ވަން'' އަށް މިރޭ މައުލޫމާތު ދެމުން ހަ މަހުގެ ކުއްޖާގެ މަންމަ ބުނީ، ދަރިފުޅު ގޮވައިގެން އޭނާގެ ފިރިމީހާ އަދި ކުއްޖާގެ ބައްޕަ "ފިލާފައި"ވަނީ އޭނާގެ ދައްތައެއްގެ ގެއަށް އިއްޔެ ގޮސް، ކުއްޖާ ބާއްވާފައި އެ ގެއިން ނުކުތް ވަގުތު ކަމަށެވެ.
އަދި ކުއްޖާ ގެންދިއުމުން ފިރިމީހާ ދިރިއުޅޭ ގެ ކައިރީގައި ވެސް ހުރި ކަމަށާއި އަދި ފިރިމީހާގެ ނަމްބަރު ބުލޮކް ކޮށްފައި އޮތުމުން ފިރިމީހާއަށް ނުގުޅޭތީ ކުއްޖާގެ ހަބަރެއް އަދިވެސް ނުވާ ކަމަށެވެ.
އޭނާ ބުނިގޮތުގައި، އެކަން ހިނގީ ކުއްޖާއަށް ހަ މަސްވީއިރު ވެސް ދެ މައިންނަށް އެއްވެސް ހަރަދެއް ނުކުރާތީ ވަރިވާން މިދިޔަ މަހު ކޯޓަށް ފޯމު ވެސް ހުށަހަޅައިވަނިކޮށް ކަމަށެވެ. އަދި އެފަދަ ކަމެއް ކޮށްފާނެ ކަމަށް އޭނާއަށް ގަބޫލު ނުކުރެވުނީ ދެ މީހުން އަދިވެސް ކައިވެނިކޮށްގެން ތިބުމުން ކަމަށް އޭނާ ބުންޏެވެ.
އަންހެން މީހާ އިތުރަށް ބުނީ، ކުއްޖާ ވިހޭތާ ބާރަ ދުވަސްވީ ތަނުން ފިރިމީހާ، އޭނާއަށް އަނިޔާވެސް ކުރަން ފެށި ކަމަށެވެ. އަދި ކުއްޖާއަށް ހަރަދު ނުދޭތީ މާލޭގައި އުޅެން ދަތިވުމުން ކުއްޖާ ގޮވައިގެން ފުލުހުންގެ އިދާރާއަށް ވެސް އޭނާ ދިޔަ ކަމަށް އަންހެން މީހާ ކިޔައިދިނެވެ.
އެކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީން މިރޭ ބުނީ، ކުޑަކުއްޖަކާ ގުޅުން ހުރި އާއިލީ މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަން މިނިސްޓްރީން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއެވެ.