ޚަބަރު

ރާއްޖެ ޓީވީ ރޯކޮށްލި މައްސަލަ ރިވިއު ކޮށްދިނުމަށާއި ވިސާމްގެ އިސްތިއުނާފްގެ މައްސަލަ އަނބުރާ ގެނައުމަށް އެދިއްޖެ

ރާއްޖެ ޓީވީ ރޯކޮށްލި މައްސަލަ ރިވިއު ކޮށްދިނުމަށާއި އެ ޗެނެލްގެ ނޫސްވެރިޔާ މުހައްމަދު ވިސާމުގެ އިސްތިއުނާފުގެ މައްސަލަ އަނބުރާ ގެނައުމަށް ރާއްޖެ ޓީވީން ޕީޖީގައި އެދިއްޖެއެވެ.

ރާއްޖެ ޓީވީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖެ ޓީވީ ރޯކޮށްލި މައްސަލަ އަލުން ރިވިއުކޮށްދިނުމަށާއި ރާއްޖެ ޓީވީގެ ނޫސްވެރިޔާ ވިސާމްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމް ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާތީ، އެ މައްސަލަ އަނބުރާ ގެނައުމަށް ޕީޖީއަށް ރާއްޖެ ޓީވީން ދަންނަވާފައިވާ ކަމަށެވެ.

"ރާއްޖެ ޓީވީން ޕީޖީއާއެކު ބުރާސްފަތި ދުވަހު ހެނދުނު ބޭއްވި ބައްދަލުވުމުގައި ވިސާމްގެ މައްސަލަ އަނބުރާ ގެންނެވުމަށް އެދުނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރަމުންދިޔަ މުޒާހަރާގެ ތެރެއިން ވިސާމް ހައްޔަރުކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމަށް ބުނި ނަމަވެސް އޭނާ ހައްޔަރުކުރީ ނޫސްވެރިއެއްގެ ވާޖިބު އަދާކުރަނިކޮށް ކަމަށްވެފައި، ފުލުހުންގެ ވާޖިބަށް އޭނާ ހުރަސް އެޅިކަމަށް ކޮށްފައިވާ ދައުވާ ދަށު ކޯޓުން ސާބިތުވެފައިނުވާ އިރު، ވިސާމްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެއް ނެތް ކަމަށް ދަށު ކޯޓުން ނިންމާފައިވާތީ އެ މައްސަލަ އަލުން ހުށަހަޅައިގެން ކުރިއަށް ގެންދިއުމަކީ ނޫސްވެރިކަމަށް ހުރަސްއެޅުމުގެ މަގްސަދު ނޫން އިތުރު ކަމެއް އޭގައި އެކުލެވޭ ކަމުގައި ނުދެކޭތީއެވެ..،" ރާއްޖެ ޓީވީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖެ ޓީވީން ބުނީ 2013ގެ އޮކްޓޯބަރު 7 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީ ރޯކޮށްލި މައްސަލަ ރިވިއުކޮށް ދިނުމަށް ހުށަހެޅީ އެ މައްސަލައިގެ ތަހުގީގާއި ޝަރީއަތް ހިނގަމުންދާ ގޮތަށް ބަލާއިރު، އެއީ އިންސާފުވެރި ތަހުގީގެއްގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދާ ޝަރީއަތެއް ކަމަށް ރާއްޖެ ޓީވީން ނުދެކޭތީއާއި މިހާރު ބަންދުގައި ބަހައްޓާފައިވާ ޒުވާނާގެ މައްޗަށް ހުކުމެއް ކުރިއަސް އެއީ މައްސަލައިގައި ހަގީގީ އިންސާފު ލިބުނީ ކަމަށް އެ ޗެނަލުން ނުދެކޭ ކަމަށެވެ.

ރާއްޖެ ޓީވީން ދެކޭ ގޮތުގައި އެ ޖަރީމާ ރޭވުމުގެ އަޑީގައި ތިބި މީހުން ތަހުގީގުގައި ނުހޯދިއްޖެ ނަމަ، އަދި އެމީހުންނާ އިންސާފު އަރާ ހަމަނުކުރާ ނަމަ، އެކަމުގައި ބައިވެރިވި މީހުންނަށް އެފަދަ ނުރައްކާތެރި އެހެން އަމަލެއް ތަކުރާރު ކުރުމަށް ލިބޭ ހިތްވަރަކަށް ވެގެންދާނެއެވެ..،" ރާއްޖެ ޓީވީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖެ ޓީވީން ބުނީ އެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ތައްޔާރުކުރި އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި ރާއްޖެ ޓީވީއަށް 11.65 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާ ކަމަށެވެ. އަދި ދައުލަތުގެ ބައެއް މުއައްސަސާތަކާއި ވެރިންގެ އިހުމާލު އޮތް އެ މައްސަލައިގައި ބަދަލު ނަގައި ދިނުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލާފައިވާ އިރު، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅި މައްސަލަ ވެސް ހުއްޓިފައިވާކަން ހިތާމައާއެކު ފާހަގަކުރާ ކަމަށެވެ.