ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް

އަލިފާނުގެ ހާދިސާގައި ގެއްލުންވި މީހުންނަށް ފައިސާގެ އެހީ ދިނުމަށް ބޭންކު އެކައުންޓެއް ހުޅުވައިފި

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ހާއްސަ ބޭންކް އެކައުންޓެއް ހުޅުވައިފިއެވެ.

ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން މިއަދު ބުނީ، އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އެކަމަށް ހާއްސަ އެކައުންޓެއް މިހާރު ހުޅުވާފައިވާ ކަމަށެވެ.

އެހެންކަމުން އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން September 20 Male’ Fire Relief Account ގެ ނަމުގައި ހުޅުވާފައިވާ ދިވެހި ރުފިޔާގެ އެކައުންޓް ނަމްބަރު، 7730000284246 އަށް ފައިސާގެ އެހީ ޖަމާކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެއްގައި ރޯވެ، ހިނގި އަލިފާނުގެ ހާދިސާގައި ހަ ގެއަކާއި ހަތަރު ގުދަނެއް ވަނީ އަނދާފައެވެ. އަދި އެންމެ ބޮޑަށް އަލިފާން ރޯވި އިމާރާތުގެ ތެރޭގައި ތާށިވި 46 އަހަރުގެ އަންހެނަކު ވަނީ ނިޔާވެފައެވެ.

އެ ހާދިސާގައި ހާލުގައި ޖެހިފައިވާ 433 މީހުންގެ ތެރެއިން 13 އާއިލާއެއްގެ 87 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވެއެވެ.