މ. ވީނަސްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ގޭގައި ދިރިއުޅުނު އާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ދީފައިވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެމްޑީއެމްއޭއިން މިއަދު ބުނީ އެ ހާދިސާއާ ގުޅިގެން އެ ގޭގައި ދިރިއުޅުނު ތިން މީހަކަށް ފަސް ދުވަހުގެ ބޯހިޔާވަހިކަން ދީފައިވާ ކަމަށާއި އެ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މ. ވީނަސްގޭގެ ހަތް ވަނަ ފަންގިފިލާގައި އަލިފާން ރޯވެގެން ރިޕޯޓްކޮށްފައިވަނީ އިއްޔެ މެންދުރު 13:38 ހާއިރު ކަމަށެވެ. އެމްއެންޑީއެފުން ވަނީ، މާ ގިނައިރުތަކެއް ނުވެ އަލިފާންގަނޑު ނިއްވާލައިފައެވެ.
އެ ހާދިސާގައި އެ އެޕާޓްމަންޓުގެ ބަދިގެ ވަރަށް ބޮޑަށް އަނދާފައިވާއިރު، ސިޓިން ރޫމަށްވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ. ނަމަވެސް މި ހާދިސާގައި މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ. އަދި އަލިފާން ރޯވި ސަބަބެއްވެސް ސާފެއް ނޫނެވެ.