ޚަބަރު

މާލޭގައި އޮތް ތެޔޮ ބައުޒަރެއްގައި ރޯވެއްޖެ

މުހައްމަދު ސިމާއު

މާލޭ އިންޑަސްޓްރިއަލް ވިލޭޖްގައި އޮތް ތެޔޮ ބައުޒަރެއްގައި ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، އަލިފާން ރޯވެފައިވަނީ އިންޑަސްޓްރިއަލް ވިލޭޖްގައި މަޑުކޮށްގެން އޮތް ތެޔޮ ބައުޒަރެއްގެ އިންޖީނުގައި ކަމަށެވެ. އަދި މިހާރު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއިން ގޮސް އަލިފާން ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.

ތެޔޮ ބައުޒަރުގައި އަލިފާން ރޯވިއިރު، އޭގައި ވެހިކަލްގެ ޑްރައިވަރާއި އެހީތެރިއަކު އިން ކަމަށާއި ނަމަވެސް ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބުނީ މިރޭ 7:39 އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މިރޭ އަލިފާން ރޯވެފައިވަނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ތެޔޮ ބައުޒަރެއްގައެވެ. ނަމަވެސް ތެޔޮ ބައުޒަރުގައި ހުރީ ކޮންކަހަލަ ތެލެއް ކަމެއް އަދި އަލިފާން ރޯވިއިރު އޭގައި ތެޔޮ ހުރި ކަމެއް އަދި ނޭނގެއެވެ.