ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި އިމާރާތުގެ ތެރެއިން މީހެއްގެ ހަށިގަނޑު އޮތްތޯ ބަލަމުންދަނީ މީހަކު ގެއްލިގެން ރިޕޯޓު ކޮށްގެން ނޫން ކަމަށާއި ނަމަވެސް އޮންނަ އާންމު އުސޫލުގެ ތެރެއިން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާއިން އެހެން ބުނީ، އަލިފާނުގެ ހާދިސާގެ އަސަރު ކުރި އިމާރާތްތަކުގައި މީހެއްގެ ހަށިގަނޑެއް އޮތްތޯ ބަލަމުން އަންނަ ކަމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވުމާ ގުޅިގެންނެވެ.
ނަވީން ވިދާޅުވި ގޮތުގައި، އެކަން ބަލަމުން އަންނަނީ އެފަދަ ވާހަކަތަކެއް ފެތުރެމުންދާތީއެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ. ނަމަވެސް، ބިދޭސީއެއް ގެއްލިގެން އުޅޭ ކަމަށް މީސްމީޑިއާގައި ވަނީ ހަބަރު ފެތުރިފައެވެ.
އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އިން ބުނީ ޕްރެސް ކޮންފަރެންސްގައި އޭސީޕީ ނަވީން ދެއްކެވި ވާހަކަ ބައެއް ފަރާތްތަކަށް އޮޅިފައިވާ ކަމަށެވެ. އެގޮތުން ރޯވި އިމާރާތެއްގެ ތެރޭގައި މީހަކު މަރުވެފައިވޭތޯ ބަލަނީ "ހުރިހާ ޕޮސިބިލިޓީސް" އަކަށް ބެލުމަށް ފަހުގައި ކަމަށް ފުލުހުން ބުނެއެވެ.
"މިވަރުގެ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގުމުން، ތަހުގީގުގެ ބޭނުމަށް ސީން ޕްރޮސެސް ކުރާއިރު، ފުލުހުންގެ ސްޓޭންޑަޑް ޕްރެކްޓިސްއަކީ ހުރިހާ އޭންގަލްއަކުން ބަލާފަ (އެކަން) ކުރުން. އެގޮތުން އިތުރު ހަށިގަނޑެއް އޮތްތޯ، ނެތްތޯ ބެލުމަކީ ސްޓޭންޑަޑް ޕްރެކްޓިސްއެއް.. މިއީ އެއްގޮތަަކަށް ވެސް މީހަކު ގެއްލިގެން ރަސްމީކޮށް ފުލުހުންނަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން ކުރާ ކަމެއް ނޫން،" ފުލުހުން ބުންޏެވެ.
މިއަދުގެ ޕްރެސް ކޮންފަރެންސްގައި ނަވީން އިތުރަށް ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އަލިފާނުގެ ހާދިސާގެ ތަހުގީގުގައި ދެތަނެއް ބަލަމުން އަންނަ ކަމަށާއި އޭގެތެރޭގައި އެންމެ އިސްކަމެއް ދީގެން ބަލަނީ އަލިފާން އެންމެ ފުރަތަމަ ރޯވި ގުދަން ކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާތަނަށް އައިއިރު، ހަ ތަނަކަށް ފޮރެންސިކް ޓީމް ވަދެ މަސައްކަތް ނިންމާފައިވަނީ. އެހަތަނުގެ ތެރޭގައި ހ. ރަދުވާނިޔާގެ ތިންވަނަ ފްލޯއަށްވެސް ވަދެ، މިއަދު ހެނދުނު އެތަން ބަލައި ފާސްކޮށް، ހާދިސާ ހިނގި ތަންވެސް ބަލައި، އެ ފްލޯ އެއްކޮށް ނިމިފައިވަނީ." ނަވީން ވިދާޅުވިއެވެ.