މާލޭގައި ހުރި ކެމިކަލް ގުދަންތައް އެހެން ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރުމަށް ތިން މަސް ދުވަސް ހޭދަވާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ސަރުކާރުގެ އެކި މުއައްސަސާތަކުން އަޅަމުންގެންދާ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ކަމެއްގެ މުހިންމުކަން ގިނަ ފަހަރަށް އެންމެންނަށް އިހްސާސް ކުރެވެނީ ބޮޑު ކަމެއް ހިނގުމުން ކަމަށެވެ.
އެގޮތުން އަލިފާނުގެ ހާދިސާ ހިނގުމަށްފަހު، ކެމިކަލް ގުދަންތައް އެހެން ސަރަހައްދުތަކަށް ބަދަލު ކުރުމުގެ މަސައްކަތް އަވަސް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އަމާޒު މި ކުރަނީ ތިން މަހެއްހާ ދުވަހުގެ ތެރޭގައި މިކަން އަޅުގަނޑުމެންނަށް ވާނެ ކަމަށް" އަސްލަމް ވިދާޅުވިއެވެ.
މާލޭގައި ހުރި ކެމިކަލް ރައްކާކުރާ ގުދަންތައް އެހެން ތަނަކަށް ބަދަލުކުރުމަށް ތިން މަސް ނަގާނެ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއިރު، އެ ގުދަންތައް ތިލަފުއްޓަށް ބަދަލު ކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ. ގުދަންތައް ތިލަފުއްޓަށް ބަދަލުކުރާނީ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑް) އިން ގުދަން އެޅުމަށްފަހު ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު އަބޫބަކުރު (މާމިގިލީ އިބޫ) ވަނީ އިއްޔެ ވިދާޅުވެފައެވެ.
ރައީސް އޮފީހުގައި ރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އިބޫ ވިދާޅުވީ، ގުދަން ހެދުމަށް ތިލަފުށިން ބިން ދޭން ވެއްޖެނަމަ މާދަމާ ވެސް ބިން ހަވާލު ކުރެވިދާނެ ކަމަށެވެ. ނަމަވެސް އެގޮތަށް ބިން ދޫކޮށްފިނަމަ، ފެންވަރެއް އަދި ބެލެހެއްޓޭނެ ގޮތެއް ނެތި، ސަލާމަތީ ކަންކަން ވަރުގަދަ ނުކޮށް ގުދަންތައް ހަދާފާނެތީވެ ސަލާމަތީ ފިޔަވަޅުތައް ހިމަނައިގެން ގްރޭޓާ މާލެއިން ގުދަން ހެދުމަށްފަހު ދޫކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިރުޝާދު ދެއްވާފައިވާ ކަމަށް އިބޫ ވިދާޅުވިއެވެ.
އެގޮތުން މަދު ހަފްތާ ތަކެއްގެ ތެރޭ ގުދަންތައް އެޅުމުގެ އަމަލީ މަސައްކަތް ފަށައި، މަދު މަސްތަކެއްގެ ތެރޭ އެ ގުދަންތަކުގެ މަސައްކަތް ނިންމައި، މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދުގެ ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، މައްސަލަތައް ހައްލު ކުރަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ދިމާވި ނުރައްކާތެރި ހާދިސާއާ ގުޅިގެން އެއްވެސް ބަޔަކަށް އިނގިލި ދިއްކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ވިދާޅުވިއެވެ.
"އެއްގޮތަކަށްވެސް މިތިބީ ފަހަތު ފަޔަށް ބުރަވެގެން ކަންކަން ކުރާ ގޮތަކަށް ނޫން. ފުލުހުން ކުރައްވަންޖެހޭ ކަންކަން ފުލުހުން ކުރައްވާނެ. ސިފައިން ކުރައްވަން ޖެހޭ ކަންކަން ސިފައިން ކުރައްވާނެ. އިހުމާލުން ކަމެއް ގޮސްފައިވާނަމަ، އެކަމަށް އަޅަންޖެހޭ ފިޔަވަޅު އަޅާނަން." މިނިސްޓަރު ވިދާޅުވިއެވެ.
މިދިޔަ ހުކުރު ދުވަހު އަބަދަށް ފެހި މަގުގައި ހުންނަ ހ. ތިލަފުށީ ގޭގެ ތިރީގައި ހުރި ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެއްގައި ރޯވެ، ހިނގި އަލިފާނުގެ ހާދިސާގައި ހަތަރު ގުދަނެއްގައި ރޯވެ އަދާ ހުލިވެފައިވެއެވެ. އަދި ގުދަނާ ކައިރީގައި ހުރި ހަތް ގެއަކަށް އަލިފާނުގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެ ހާދިސާގައި ރޯވި އިމާރާތެއްގެ ތެރޭގައި ތާށިވި އަންހެނަކު ވެސް ވަނީ ނިޔާވެފައެވެ.