އަލިފާނުގެ ހާދިސާ

ގުދަނުގައި އަލިފާން ރޯވާން ޖެހޭ ސަބަބެއް ނޭނގޭ: ގްރީންޕާތު ކުންފުނި

ފަތޯނާ ފާއިޒު

މާލޭގެ ހ. ތިލަފުށި ގޭގައި ހުރި ކެމިކަލް ގުދަނަކީ އެމްއެންޑީއެފުން ގަވައިދުން އިންސްޕެކްޓު ކުރަމުން އަންނަ ގުދަނެއް ކަމަށާއި، އެ ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގަންޖެހޭ އެއްވެސް ސަބަބެއް ނޭނގޭ ކަމަށް، އެ ހާދިސާގައި އެންމެ ފުރަތަމަ އަލިފާން ހިފި ގުދަން ނިސްބަތްވާ ކުންފުނި "ގްރީންޕާތުން" މިއަދު ބުނެފިއެވެ.

ހުކުރު ދުވަހު ރޭ ހިނގި ބޮޑު އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ، ހ. ތިލަފުށީ ގޭގައި ހުރި ކެމިކަލް ގުދަނުގައި ރޯވި އަލިފާންގަނޑުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި އެގުދަން ހިންގި ފަރާތުން އެމައްސަލައިގައި މިހާތަނަށް ހަނު ހުރުމުން، ގިނަ ބަޔަކު އެކަމާވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އެކަމާ ގުޅިގެން ގްރީންޕާތް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބުނީ އެ ގުދަނަކީ ކެމިކަލް ގުދަން ކުރަން އެމްއެންޑީއެފްއިން ހުއްދަ ދޫކޮށްފައިވާ ތަނެއް ކަމަށެވެ. އަދި ވަރަށް ފަހުން އެ ގުދަން ބަލައި، ހުއްދަ އާކޮށްދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ރޯވި ގުދަނުގައި ރައްކާ ކޮށްފައި ހުރީ ސުވިމިން ޕޫލް ކެމިކަލް އާއި ލޯންޑްރީތަކުގައި ބޭނުން ކުރާ ޑިޓަޖެންޓާއި ތަޅުންމަތި ސާފު ކުރަން ބޭނުން ކުރާ ކެމިކަލް އަދި ވޯޓާ ޕްލާންޓް ކެމިކަލްގެ ބާވަތްތަކެވެ. އެ ތަކެއްޗަކީ އެމްއެންޑީއެފުން ހުއްދަ ނަގައިގެން ރާއްޖެ އެތެރެކޮށްފައި ހުންނަ ރައްކާތެރި ކެމިކަލްގެ ބަވާތްތައް ކަމަށް ގްރީންޕާތުން ބުނެއެވެ. އަދި ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެ ގުދަނުގައި ކަރަންޓް ވެސް ނުހުންނަ އިރު، އެތަނުގައި އަލިފާން ހިފަން ޖެހޭ ފަދަ ސަބަބެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގްރީންޕާތުން ބުނާގޮތުގައި އެ ގުދަނަށް އެންމެ ފަހުންވެސް މީހުން ވަދެފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެދުވަހު އެއްވެސް އެއްޗެއް ގުދަނަށް ވައްދާފައި ނުވާއިރު، ކުރިހާވެސް ކަމަކީ މުދާ ނެރުން ކަމަށް ގްރީންޕާތުން ބުނެއެވެ. އެހެންކަމުން އަލިފާނުގެ ހާދިސާ ހިނގިއިރު އެންމެ ފުރަތަމަ ރޯވީ އެ ގުދަނުގައި ކަމާމެދު ޝައްކު ކަމަށްވެސް އެކުންފުނިން ބުނެއެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިއަކަށްވި ތަން ކަމުގައި ބެލެވޭ ގުދަން "ޕްރައިމް"ތަނެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށާއި، އެ ހާދިސާ ހިނގި ސަބަބު ދެނެގަނެވޭނީ ވަރަށް ގިނަ ބެލުންތަކެއް ބަލައިގެން ކަމަށް މިއަދު ފުލުހުން ވަނީ ބުނެފައެވެ.