ފޮރިން މިނިސްޓްރީ

އިސް ވެރިޔަކު ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ ފޮރިން މިނިސްޓްރީން ބަލަން ފަށައިފި

ފޮރިން މިނިސްޓްރީގެ އިސް ވެރިޔަކު ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ އެ މިނިސްޓްރީން ބަލަން ފަށައިފިއެވެ.

ފޮރިން މިނިސްޓްރީގެ އިސް ވެރިޔަކު ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނެ މީސްމީޑިއާގައި ދަނީ ވާހަކަތަކެއް ދެކެވެމުންނެވެ. އެ ވާހަކަތަކުގެ ތެރޭގައި ފޮރިން މިނިސްޓްރީގެ އިސް ވެރިޔަކު އޭނާގެ ދަށުން މަސައްކަތްކުރާ ތިން އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެއެވެ.

އެކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުނީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެ މިނިސްޓްރީގައި އުފައްދާފައިވާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއަށް މިއަދު ޝަކުވާއެއް ހުށަހެޅިފައިވާ ކަމަށާއި އެ ކޮމިޓީން އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.

މިނިސްޓްރީގެ މަސައްކަތުގެ މާހައުލުގައި ޖިންސީ ފުރައްސާރައަށް އެއްވެސް ޖާގައެއް ނުދިނުމަށާއި މިނިސްޓްރީގެ ހުރިހާ މުއައްޒަފުން އެފަދަ ފުރައްސާރައިން ރައްކާތެރިކުރުމުގެ ގޮތުން މިނިސްޓްރީގައި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބަލާ ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކާއި، އެކަން ކުރުމަށް ގާއިމުކުރެވިފައިވާ އެންމެހައި ނިޒާމުތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

މީސްމީޑިއާގައި އެ ވާހަކަތައް ދެކެވެމުން ދިއުމާ ގުޅިގެން ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހާރިޖީ ދާއިރާގެ އިސް ބޭފުޅެއްގެ މައްޗަށް އެފަދަ ބޮޑެތި ތުހުމަތުތަކެއް ކުރެވެމުންދާތީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި އެއީ ތެދެއް ކަމަށް ވާނަމަ، ކޮންމެ މުއައްސަސާއެއްގައި ނަމަވެސް ބާރުގެ ބޭނުން އެގޮތަށް ނަހަމަ ގޮތުގައި ހިފާ ނަމަ، ކަމުގެ ހަގީގަތް ބެލުމަށް އަވަސް ތަހުގީގެއް ހިންގަން ޖެހޭނެ ކަމަށެވެ.