މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު އެއްވެސް މީހަކު މަގުމަތި ކޮށްފައި ނުވާނެ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅިގެން ކަލާފާނު ސްކޫލުގެ ރިލީފް ސެންޓަރުގައި ރަޖިސްޓްރީވި ހުރިހާ ފަރާތްތަކަށް ވެސް ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ.
އެގޮތުން ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުގައި ރަޖިސްޓްރީވި 562 މީހުންގެ ތެރެއިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭ 247 ފަރާތަކަށް، ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީ ފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު އެންމެންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓުން ބުނެފައިވާއިރު، އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު، ނުވަ މަހުގެ ތުއްތު ކުއްޖަކު ހިމެނޭ އާއިލާއެއް މަގުމަތިވެފައިވާ ކަމަށް ބައެއް މީޑިއާތަކުންވަނީ ރިޕޯޓް ކޮށްފައެވެ.
އެ ރިޕޯޓާ ގުޅިގެން ހިސާން ވިދާޅުވީ، އެކަން އެނގުނު ހިސާބުން އެ އާއިލާއަށް ވެސް އެހީވެފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ، އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހިގެން ތިމާގެ މީހުން ނޫނީ ރައްޓެހިން ކައިރިއަށް ބަދަލުވި އާއިލާތައް ވެސް އަންނާނެކަން އެނގޭތީ ރަޖިސްޓްރޭޝަންގެ މަސައްކަތް އިއްޔެ ވެސް ކޮށްފައިވާނެ ކަމަށެވެ.
"ހާދިސާ ހިނގީއްސުރެ ފަތިސް ވަންދެން ތިބި އެންމެންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދިނިން. ފަތިހު ހަތަރެއް ޖެހުމާ ހަމައަށް، ކަލާފާނު ރިލީފް ސެންޓަރުގައި ތިބި އެންމެންނަށް ބޯހިޔާވަހިކަން ދިނިން....އަޅުގަނޑު ޔަގީންކޮށް ބުނަން، މަގުމަތިވެފައި، ޑިޒާޒްޓާ މެނޭޖްމެންޓް އޮތޯރިޓީން އަޅާނުލާ ފަރާތެއް ނުހުންނާނެ،" ހިސާން ހަސަން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ވަގުތީ ހިޔާވަހިކަން ފޯރުކޮށްދޭއިރު، ބަލަންޖެހޭ ގިނަ ކަންކަން ހުންނަ ކަމަށާއި އެގޮތުން ހާދިސާ ހިނގިތާ ދެ ދުވަސް ފަހުން މީހަކު ބޯހިޔާވަހިކަން ހޯދަން އަންނައިރު، އެމީހަކު ކުރިން އުޅުނީ ކޮންތަނެއްގައިތޯ ވެސް ބަލަންޖެހޭ ކަމަށެވެ. އަދި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނަނީ ޑިޒާސްޓާގެ ރިލީފް ގައިޑްލައިންގެ ދަށުން ކަމަށް ހިސާން ވިދާޅުވިއެވެ.