ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅޭ މައުލޫމާތު ޔޫއެންޑީޕީއާ ހިއްސާ ކޮށްފިއެވެ.
އެމައުލޫމާތު ޔޫއެންޑީޕީގެ ރެޕްރެޒެންޓޭޓިވް މިސް އައިކޯ ފުޖީއާ ހިއްސާ ކުރެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވިދާޅުވީ އެފަަ ހާދިސާތައް މަދު ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިރުޝާދާއެކު ސަރުކާރުން އެކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.
މި ބައްދަލުކޮށްލެއްވުމުގައި މިސް އައިކޯ ފުޖީ ވަނީ ނިއުޔޯކްގައި މިހާރު ކުރިޔަށްދާ ޔޫތު ކްލައިމެޓް ސަމިޓްގެ ތެރެއިން "ކޯލް ފޮރ ކްލައިމެޓް އެކްޝަން" ގައި ރާއްޖޭގެ ޒުވާނުންނަށް މުހިންމު ދައުރެއް އަދާކުރެވޭނެކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، އެކަމަނާ ވަނީ ބޭރު ދުނިޔެއާ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި ޔޫ.އެން.ޑީ.ޕީ އިން ރާއްޖެއާއެކު މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ރާއްޖެއަކީ ތިމާވެށްޓަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ފޯރާނެ އެއް ގައުމުކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވަނީ ރާއްޖޭގެ ނާޒުކު ގުދުރަތީ ވެށި ހިމާޔަތްކުރުމަކީ މި ގައުމުގެ އިގްތިސާދުގެ މައިބަދަ ކަމުގައިވާ ފަތުރުވެރިކަން ދެމެހެއްޓުމަށްވެސް ވަރަށް މުހިންމު ކަމެއްކަމުގައި ފާހަގަކުރައްވާފައެވެ.
އެމަނިކުފާނު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ސަރުކާރާއި ކަމާގުޅޭ އިދާރާތަކާއި ޖަމުއިއްޔާތަކުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ސަބަބުން ހާއްސަކޮށް ސްކޫލް ކުދިންނާއި، ޒުވާނުންގެ މެދުގައި ތިމާވެއްޓަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުވެފައިވާކަން ފާހަގަކުރެއްވިއެވެ.