އިލެކްޝަންސް ކޮމިޝަނުން ވޯޓް ކަރުދާސް ނައްތާލި ކަމަށާއި އެކަމަކީ ރާއްޖޭގެ ތާރީހުގައިވެސް ހިނގާދިޔަ އެންމެ ނުރައްކާތެރި އެއް ހާދިސާ ކަމަށް ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
މިއަދު ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ އެ މައްސަލައަކީ މީހުންނަށް މިއަދު ބޮޑު މައްސަލައަކަށް ނުވި ނަމަވެސް ކޮންމެވެސް ހިސާބަކުން ބަޔަކު އެވާހަކަ ދައްކާނެ ކަމަށެވެ.
"މިވަރު ބޮޑު ޖަރީމާއެއް ހިންގުމަށްފަހު، އިލެކްޝަންސް ނިމުނުތާ ދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތުގެ އަލީގައި އެނގުނީ މި އިލެކްޝަންއަށް މިވަނީ މިހެން މިހެން ހަދާފައި ކަން. އަދި އަޅުގަނޑުމެން ވާނީ އެކަންތައް ރައްޔިތުންނަށް ހިއްސާކޮށްފައި،" ނިހާން ވިދާޅުވިއެވެ.
މިއަހަރުގެ ރިޔާސި އިންތިހާބުގައި ކޮންމެވެސް ކަމެއް ނުސީދާކޮށް އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ ކަމަށް އިއުތިރާފުވެފައިވާ ކަމަށްވެސް ނިހާން ވަނީ ވިދަޅުވެފައެވެ.
ނިހާން ވިދާޅުވީ އެ ވާހަކަތަކަށް އިލެކްޝަންސްގެ ރައީސް އަހުމަދު ޝަރީފް ޖަވާބުދާރީ ވާން ޖެހޭނެ ކަމަށެވެ.